ޚަބަރު

ޔަހޫދީން އަނެއްކާވެސް ޣައްޒާއަށް ބޮން އަޅައި ނުވަ މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ ބައިތު ލާހިޔާއަށް ޔަހޫދީން ދިން ވައިގެ ޙަމަލާއެއްގައި ފަލަސްޠީނުގެ ނުވަ ރައްޔިތުން ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ޣައްޒާގެ ތިން ނޫސްވެރިން ވެސް ހިމެނޭކަމަށެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަންޒަރު ދުށް މީހުން ބުނީ ޔަހޫދީންގެ ޙަމަލާ އަމާޒު ކޮށްފައި ވަނީ އަލް-ޚައިރު ފައުންޑޭޝަން ކިޔާ ހިލޭސާބަހަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއްގެ މަސައްކަތުގައި އުޅުނު މީހުން އުފުލި ކާރަކަށް ކަމަށެވެ. އެ މީހުންގެ ތެރޭގައި ނޫސްވެރިންނާއި ފޮޓޮގުރަފަރުން ވެސް ތިބި ކަމަށް އިދާރާތަކުން ބުނެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ އިސްވެރިޔާ ސަލާމާ މަޢުރޫފް ވިދާޅުވީ ޔަހޫދީން ޙަމަލާދިން ކާރުގައި ތިބީ ޢާންމުންގެ މީހުން ކަމަށާއި އެ މީހުންނަކީ ވަގުތީ ހިޔާވަހިކަންދޭ ތަނެއްގެ ކައިރީގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މަސައްކަތްތަކެއް ކުރަމުންދިޔަ ބައެއް ކަމަށެވެ. އެ މީހުން ތިބީ ވަނުން މަނާ ސަރަޙައްދެއްގައި ނޫން ކަމަށާއި އެ މީހުންގެ ސަބަބުން ޔަހޫދީ ފައުޖަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

ބައިތު ލާހިޔާގައި ޔަހޫދީން މި ޙަމަލާ ދީފައި މި ވަނީ 2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދިޔަ ލާއިންސާނީ ޙަމަލާތައް ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމް ކޮށްފައި ވަނިކޮށެވެ. ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ތިން މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ އެއްބަސްވުމެކެވެ. ނަމަވެސް މާރިޗު މަހުގެ 2ވަނަ ދުވަހު އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމުން ދެވަނަ މަރުޙަލާ ފެށުމުގެ ބަދަލުގައި ޔަހޫދީން ބޭނުން ވީ ފުރަތަމަ މަރުޙަލާގެ މުއްދަތު އިތުރު ކުރާށެވެ. ނަމަވެސް ޙަމާސުން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ދެވަނަ މަރުޙަލާ ފަށައި ދާއިމީ ގޮތަކަށް ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަގެއް ހޯދާށެެވެ. މި ދަނޑިވަޅުގައި ޣައްޒާގެ ރައްޔިތުންނަށް ދަތި ކުރުމުގެ ގޮތުން ޔަހޫދީން ވަނީ އެ ސަހަރަށް އެހީގެ ސާމާނު އެތެރެ ކުރުން ވެސް ހުއްޓުވާފައެވެ.

ޢުދުވާން ހުއްޓައިލުމުގެ އެއްބަސްވުން ޤާއިމް ކުރުމަށް ފަހުގައި ވެސް ޔަހޫދީން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުން އެ އެއްބަސްވުމުގެ ނާޒުކުކަން ހާމަވެގެންދެއެވެ. ފަލަސްޠީނުގެ ޞިއްޙީ އޮފިޝަލުން ވިދާޅުވީ އެއްބަސްވުމުގެ ދަށުން ބޮޑެތި ޙަމަލާތައް ބަދަލުކުރުން މެދުކެނޑުނު ނަމަވެސް އެ މުއްދަތުގައި ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ޔަހޫދީން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ޙަމާސުން ވަނީ ޖަނަވަރީ މަހުގެ 19ވަނަ ދުވަހު ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުން ޤާއިމް ކުރި ފަހުން ވެސް ޔަހޫދިން ފަލަސްޠީނުގެ 150އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައިވާ ކަމަށް ބުނެފައެވެ.