ވިޔަފާރި

ފުނަދޫގައި ރައްކާކުރާ ތެލުގެ މިންވަރު ދެގުނައަށް އިތުރުވަނީ


އެސްޓީއޯގެ މައިގަނޑު ވިޔަފާރިކަމަށްވާ ތެލުގެ ވިޔާފާރިއާއިގުޅޭ އިންފްރާސްޓްރަކްޗަރ އިތުރުކުރަން ކުރާ މަސައްކަތުގެ ދަށުން ފުނަދޫ އެކްސްޕޭންޝަންގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް ނިންމައި ޚިދުމަތްދޭން ފެށޭނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ފުނަދޫ އެކްސްޕޭންޝަންގެ މަސައްކަތް ކުރިއަށް ގެންދަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ވޯކާ ސަންސް އެންޑް ކޯ އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެންނެވެ. އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއްް ލިބޭ އެއް ވިޔަފާރިއަކީ ތެލުގެ ވިޔަފާރިއެވެ. އެސްޓީއޯއިން މިހާރު ތެޔޮ ރައްކާކުރަމުންދާ ފުނަދޫގައި މިހާރު ގެންގުޅޭ ފިއުލް ޓޭންކަރުންތަކުގައި ރައްކާކުރެވެނީ 29 މެޓްެރިކް ޓަނުގެ ތެޔޮކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ. img:http://s1.psmnews.mv/images/660x400/14680791760809.jpg|ތެޔޮ ފުނަދޫގައި ތެޔޮބޯޓެއް ބަނދަރުކޮށްފައި - ފައިލް ފޮޓޯ: އެސްޓީއޯ

ފުނަދޫ އެކްސްޕޭންޝަން ޕްރޮގްރާމުގެ ދަށުން މިހާރު ހުރި ސްޓޯރޭޖް ދެގުނައަށް ބޮޑުވާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ. އެގޮތުން ފޮނަދޫ އެކްސްޕޭންޝަން ޕްރޮޖެކްޓް ނިމި ޚިދުމަތްދޭން ފަށާއިރު 47 މެޓްރިކްޓަނުގެ ތެޔޮ ފުނަދޫގައި ރައްކާކުރެވޭނެކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ. ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ވިއްކާ ތެޔޮ، ރައްކާކުރާ މިންވަރު އިތުރު ކުރުމަށް އެކުންފުނިން ކ. ފުނަދޫގައި ފަށާފައިވާ މަޝްރޫއުއަށް ޖުމުލަ 35 މިލިއަން ޑޮލަރު ހަރަދުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. img:http://s1.psmnews.mv/images/660x400/14680791960126.jpg|ތެޔޮ ފުނަދޫގައި ތެޔޮބޯޓެއް ބަނދަރުކޮށްފައި - ފައިލް ފޮޓޯ: އެސްޓީއޯ

މި މަޝްރޫޢަށް ހޭދަވާ 35 މިލިއަން ޑޮލަރު ހޭދަވަނީ ހަމައެކަނި ތެޔޮ ޓޭންކުގަތުމަށް ނޫންކަމަށާއި މި މަޝްރޫއުގެ ތެރެއިން ސްޓޯރޭޖު ބިލްޑު ކުރުމާއި ބާތިން ރަނގަޅު ކުރުމާއި ފުނަދޫގެ ފަޔާ އެންޑު ސޭފްޓީ ރަނގަޅު ކުރުން ހިމެނޭކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ. ތެލުގެ ވިޔަފާރިން މިދިޔަ އަހަރު އެސްޓީއޯ އަށް ލިބިފައި ވަނީ 4.8 ބިލިއަން ރުފިޔާއެވެ. އޭގެ ކުރީ އަހަރު ތެލުގެ ވިޔަފާރިން 7.2 ބިލިއަންގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވެއެވެ. މިދިޔަ އަހަރު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު އާމްދަނީވެސްވަނީ ދަށްވެފައެވެ. އެގޮތުން 2014 ވަނަ އަހަރު ލިބުނު އާމްދަނީއަށް ވުރެ މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 20 އިންސައްތަ ދަށްވެފައެވެ. ނަމަވެސް މިއަހަރު ކުންފުނީގެ ވިޔަފާރި ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުން މިއަހަރުގެ އާމްދަނީ އިތުރުކުުރުމަށް މަސައްކަތްކުރަމުންދާކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ.