ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރާ 2 މެންބަރުން އައްޔަންކޮށްފިއެވެ. ބޯޑަށް އައްޔަންކުރައްވާފައިވަނީ އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީއެވެ.
އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސަރުވަޝް ވަނީ މީރާގެ ޗެއާޕާސަންގެ އިތުރުން އެމްއެމްއޭ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އެންމެ ފަހުން އޭނާ އަދާކުރައްވާފައިވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމެވެ.
ބޭންކިން އަދި ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މާޖިދު ވަނީ 2022ވަނަ އަހަރު ވެސް ޕެންޝަން ބޯޑުގައި މަސައްކަތްކުރައްވާފައެވެ. އަދި ސީއެމްޑީއޭ ބޯޑުގެ މެމްބަރުކަން ވެސް އޭނާ ކުރެއްވިއެވެ.
ޕެންޝަން ބޯޑުގައި 7 މެންބަރުން ތިއްބަވައެވެ. އެ ބޯޑުގެ ޗެއަރޕާސަންއަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ.