މިމަހުގެ ނަވާރަ ވަނަ ދުވަހު އިންޑިއާގެ ޝިލޮންގްގައި އިންޑިއާ އާއި ބައްދަލުކުރާ އެކުވެރިކަމުގެ މެޗަށް ދިވެހި ގައުމީ ޓީމު ފުރައިފިއެވެ.
ތަޖުރިބާހުރި ގިނަ ކުޅުންތެރިންތަކަކާއި އެކު މިއަދު ހެނދުނު ޓީމު ފުރާފައިވާއިރު ރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗު ސުޒެއިން ބުނެފަވަނީ މިމެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.
ދިވެހި ޓީމް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގްރޫޕް މިއަދު ނުވަގަޑި ތިރީހުގައި ފުރަން ދިޔައި އިރު ދެވަނަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ މެންދުރުއެވެ. ދެ ގްރޫޕަކަށް ފުރަން ޖެހުނީ އެއްކޮށް ޖާގަ ނުލިބުމުންނެވެ. އެހެންނަމަވެސް ދެ ގްރޫޕްވެސް ޝިލޮންގްއަށް ދިއުމަށް ހަމަޖެހިފައިވަނީ އެއްކޮށްނެވެ.
ރާއްޖޭގެ ގައުމީ ޓީމާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޝިލޮންގުގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައެވެ. އެ މެޗަށްފަހު މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސްއާއި ދެކޮޅަށެވެ. މި މެޗު ކުޅުމަށް ތާވަލުކޮށްފަވަނީ ފިލިޕީންސްގައެވެ.
މި އަހަރަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ. އެގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި ހަ މެޗެއް ރާއްޖެއިން ކުޅޭނެއެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. އެގޮތުން ފިލިޕީންސް މެޗަށްފަހު، ޖޫން 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އީސްޓް ޓިމޯއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އޮކްޓޫބަރު މަހުގެ 14ގައި ބައްދަލުކުރާނީ ތަޖަކިސްތާނާއެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށެވެ.
ގައުމީ ޓީމުން އެންމެ ފަހުން މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު ބަންގްލަދޭޝް އާއެކުއެވެ. އެއީ އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ.