އިނގިރޭސި ގައުމީ ކޯޗުކަމުގައި ތަޖުރިބާކާރު ކޯޗު ތޯމަސް ޓުޗެލް އެކުލަވާލި ފުރަތަމަ ޓީމުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި މެންޗެސްޓާ ޔުނައިޓެޑުން ބޭރުކޮށްލި މާކަސް ރަޝްފޯޑް ޖާގަ ހޯދައިފިއެވެ.
އިނގިރޭސި ގައުމީ ޓީމާ ހަވާލުވި ތިން ވަނަ ފޮރިން ކޯޗު ބުނީ އޭނާ ބޭނުންވަނީ ސްޕީޑާއި ޖިސްމާނީ ވަރުގަދަކަން ޓީމުގައި ހުރުމަށް ކަމަށެވެ. އެއީ އިނގިރޭސި ޕްރެމިއާ ލީގުގެ ވެސް އެންމެ ހާއްސަ ސިފަ ކަމަށާއި އިނގިރޭސި ގައުމީ ޓީމުން ވެސް އެސިފަތައް ފެންނަން ޖެހޭނެ ކަމަށެވެ. ހެންޑަސަން ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ޓީމަށް ނެގީ ގައުމީ ޓީމުގެ މައިބަދަ ވަރުގަދަކޮށް، ޖޯޝް ހުރި ކުޅުންތެރިއަކު ޓީމުގައި ހިމަނަން ބޭނުންވާތީ ކަމަށް ވެސް ޓުޗެލް ބުންޏެވެ. އަދި އޭނާ ބުނީ ރަޝްފޯޑް ހުރީ މިވަގުތު ރަނގަޅު ފޯމެއްގައި ކަމަށެވެ.
މީގެ ކުރިން ޗެލްސީ އަށް ކޯޗުކޮށްދީ އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުނީ އެހެން ގައުމުތައް ކުޅޭގޮތް ކޮޕީ ކުރަން އިނގިރޭސިން އުޅެގެން ނުވާނެ ކަމަށެވެ.
"ޕްރެމިއާ ލީގަކީ ވަރަށް ފިޒިކަލް ލީގެއް. އެކަމަށް ވަރަށް ބޮޑަށް ޑިމާންޑް ކުރާ ލީގެއްވެސްމެ. އަހަރެންނަށް ހީވަނީ އަހަރުމެންގެ ސްޓައިލަކަށް ވާންޖެހޭނީ ޕްރެމިއާ ލީގުގެ ސްޓައިލްހެން. އެހެން ގައުމުތައް ކުޅޭ ގޮތް ކޮޕީ ކުރަން އަހަރުމެން އުޅެގެން ނުވާނެ،" ޓުޗެލް ބުންޏެވެ.
އަލްބޭނިއާ އާއި ލެޓްވިއާއާ ދެކޮޅަށް ކުޅެން އޭނާ ނެގި ޓީމު އިއުލާނު ކުރުމަށްފަހު ޓުޗެލް ބުނީ މީގެ ކުރިން ކުޅުނު މެޗުތަކާ ހިލާފަށް އިނގިރޭސި ޓީމުން ވަރުގަދަ ކަމާއި ކޮލިޓީ ފެންނަންޖެހޭނެ ކަމަށެވެ.