ކުޅިވަރު

އިނގިރޭސި ޓީމުގެ ކެޕްޓަނަކީ އަދިވެސް ކޭން


ކުރިއަށް އޮތްތަނުގައިވެސް އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރާނީ ހެރީ ކޭން ކަމަށް އައު ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ކޯޗު ކަމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް އެކުލަވާލި ސްކޮޑް އިއުލާނު ކުރުމަށްފަހު ޓުޗެލް ބުނީ އޭނާގެ ކެޕްޓަންކަން ދޭނީ ކޭން އަށް ކަމަށާއި އޭނާ އަށް ކުޅުންތެރިޔާ ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އަހަރެން ބަޔާން މިއުނިކްގައި ވެސް އޭނާ އަށް ކޯޗުކޮށްދިން. އޭނާ އަކީ ކެޕްޓަންކަމަށް ބަރާބަރު ކުޅުންތެރިއެއް. މިހެންވެ ކެޕްޓަންކަން ބަދަލެއް ނުވާނެ. ކޭން ވަނީ އޭނާގެ ލީޑަރޝިޕް މީގެ ކުރިން ވެސް ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައި،" ކޯޗު ބުންޏެވެ.

ކޭން ވަނީ ގައުމީ ޓީމަށް މިހާތަނަށް 103 މެޗުން 69 ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި އޭނާ އަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އެ މުބާރާތުން ހަތަރު ވަނަ ހޯދިއިރު އާއި އެންމެ ފަހުގެ ޔޫރީގެ ދެ ފައިނަލް ކުޅުނުއިރު ވެސް ޓީމުގެ ކެޕްޓަނަކީ އޭނާ އެވެ.
ކޯޗު ޓުޗެލް ބުނީ ފެންވަރު ހުރި ވަރުގަދަ ކުޅުންތެރިންނަށް އިނގިރޭސި ޓީމުން އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށާއި 31 އަހަރުގެ ކޭން އަކީ އިނގިރޭސި ޓީމުގައި ހުރި އެންމެ ފުރިހަމަ އެއް ކުޅުންތެރިޔާ ކަމަށެވެ.

އަދި އިނގިރޭސީން ޔޫރޯގެ ދެ ފައިނަލް ކުޅެފައިވުމުން ތައްޓަކާ ހަމައަށް ދަތުރު ކުރުމަށް ކުރާ މަސައްކަތުގައި ޓީމުގައި ތަޖުރިބާކާރުން ތިބެންވާނެ ކަމަށެވެ.