ކުރީގެ ކޯޗާ މައްސަލަ ޖެހިގެން ގައުމީ ޓީމަށް ނުކުޅެ ހުރި ބެލްޖިއަމްގެ ތަޖުރިބާކާރު ގޯލްކީޕަރު ތިބައޫ ކޯޓުއާ އަލުން ގައުމީ ޓީމަށް ނަގައިފިއެވެ.
އައު ކޯޗު އޭނާ ޓީމަށް ނެގިއިރު ކޯޓުއާ ނެތި ކުޅުނު މެޗުތަކުގައި ގައުމީ ޓީމުގެ އެއްވަނަ ކީޕަރުކަން ކުރި ކަސްޓީލް ވަނީ ގައުމީ ޓީމަށް ނުކުޅެން ނިންމައިފަ އެވެ. އެއީ ކޯޓުއާ އަށް އަލުން ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ދޭން ނިންމުމުންނެވެ. މިހެންވެ އިތުރު ތިން ކީޕަރުގެ ގޮތުގައި ޓީމުގައި ޖަހާފައިވަނީ ސެނޭ ލެމަންސް އާއި ނޮޓިންހަމް ފޮރެސްޓްގެ މަޓްސް ސެލްސް އަދި ޖަރުމަނުގެ ލައިޕްޒިގްގެ މާޓެން ވެންޑެވޫޓްޒް އެވެ.
ނޭޝަންސް ލީގުގައި ޔުކްރޭނާ ދެކޮޅަށް ކުޅެން އެކުލަވާލި 26 ކުޅުންތެރިންގެ ތެރޭގައި ކޯޓުއާ ހިމަނާފައިވާއިރު އޭނާ އަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ގޯލް ކީޕަރެވެ. ރެއާލް މެޑްރިޑުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކީޕަރަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕުގެ އެންމެ މޮޅު ކީޕަރެވެ. އަދި އަނިޔާއިން ރަނގަޅު ވެގެން އެނބުރި އައިސް ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑަށް މިދިޔަ ސީޒަނުގައި ހޯދައިދިނުމަށް ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ކޯޓުއާ މިދިޔަ ސީޒަނުގެ ބޮޑުބައިގައި އަނިޔާގައި ހުރުމުން ރެއާލްގެ ގޯލް ބެލެހެއްޓި އަންދްރޭ ލުނިން އަކީ ޔުކްރޭނުގެ އެއްވަނަ ކީޕަރެވެ.
ކޯޓުއާ އާއި ކުރީގެ ގައުމީ ކޯޗު ޑޮމެނިކޯ ޓަޑެސްކޯއާ މައްސަލަ ޖެހުނީ ކެޕްޓަން ބޭންޑް އެނާ އަށް ނުދީގެންނެވެ. އުމުރުން މިހާރު 32 އަހަރުގެ ކީޕަރު ވަނީ މިހާތަނަށް ގައުމީ ޓީމަށް 102 މެޗު ކުޅެދީފަ އެވެ. އަދި އައު ކޯޗު ރުޑި ގާސިއާ ކެޕްޓަންކަން ދިނުން އެންމެ ގާތް އެއް ކުޅުންތެރިއަކީ ވެސް ކޯޓުއާ އެވެ.
ޔުކްރޭނާ ދެކޮޅަށް ކުޅެން އެކުލަވާލި ޓީމުން ޖާގަ ދީފައިވާ މަޝްހޫރު ކުޅުންތެރިންނަކީ އެޓްލާންޑާގެ ކާލެސް ޑެ ކެޓެލައެރޭ އާއި މެންޗެސްޓާ ސިޓީގެ ޖެރެމީ ޑޮކޫ އާއި އާސެނަލްގެ ލިއޮނާޑޯ ޓްރޮސާޑް އަދި ގައުމީ ޓީމުގެ މިހާރުގެ ކެޕްޓަން މެންޗެސްޓާ ސިޓީގެ ކެވިން ޑެބްރޫނޭ އެވެ.