ޚަބަރު

މިދިޔަ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 363 މިލިޔަން ރުފިޔާ


  • ޖެނުއަރީމަހާ އަޅާބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެއް

  • 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވޭ

  • 223 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވޭ

ފެބްރުއަރީމަހު އިމްޕޯޓް އެކްސޯޕުޓުން ދައުލަތައް 363 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ ޖަނަވަރީމަހާ އަޅާބަލާއިރު 26.5 އިންސައްތަ އިތުރު އަދަދެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީމަހު އިމްޕޯޓް އެކްސްޕޯޓްއިން އާމްދަނީގެ ގޮތުގައި 363 މިލިއަން ރުފިޔާ ލިބުނުއިރު، މިއަހަރުގެ ޖެނުއަރީމަހު ކަސްޓަމްސްއަށް ލިބިފައިވަނީ 287 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

އިމްޕޯޓް އެކްސްޕޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ފެބްރުއަރީމަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ނިމިދިޔަ ޖެނުއަރީމަހު ރާއްޖެއަށް އެތެރެކޮށްފައިވަނީ 5.2 ބިލިއަން ރުފިޔާގެ މުދަލެވެ.

ފެބްރުއަރީމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސަ، އިންޑިއާ، ޗައިނާ، ސިންގަޕޫރް، އަދި ސްރީލަންކާއިންކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި ޤައުމުތަކުން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކާޢި، ތެލުގެ ބާވަތްތަކާއި، މެޝިނަރީ އަދި އިލްކްޓްރިކް ސާމާނެވެ.

ފެބްރުއަރީ މަހު އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތައް

  • ޔުނައިޓެޑް އަރަބް އެމިރޭޓްސް: 1342 މިލިއަން ރުފިޔާ
  • އިންޑިއާ: 748 މިލިއަން ރުފިޔާ
  • ޗައިނާ: 606 މިލިއަން ރުފިޔާ
  • ސިންގަޕޫރު: 344 މިލިއަން ރުފިޔާ
  • ސްރީލަންކާ: 241 މިލިއަން ރުފިޔާ

މީގެއިތުރުން، މިދިޔަ ފެބްރުއަރީމަހު 223 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީމަހު 144 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓުކޮށްފައެވެ.

ފެބްރުއަރީމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑް، އިނގިރޭސިވިލާތް، އިންޑިޔާ، ވިއެޓްނާމް އަދި ބަގްލަދޭޝްއިންކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ޤައުމުތަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓުކޮށްފައިވަނީ މަހުގެ ބާވަތްތަކެވެ.

ފެބްރުއަރީމަހު އެންމެ ގިނައިން މުދާ އެކްސްޕޯޓުކުރި ޤައުމުތައް:

  • ތައިލޭންޑް: 134 މިލިއަން ރުފިޔާ
  • އިނގިރޭސިވިލާތު: 33 މިލިއަން ރުފިޔާ
  • އިންޑިއާ: 10 މިލިއަން ރުފިޔާ
  • ވިއެޓްނާމް: 8 މިލިއަން ރުފިޔާ
  • ބަންގްލަދޭޝް: 6 މިލިއަން ރުފިޔާ

މިދިޔަ ފެބްރުއަރީމަހު މަސްދަޅު ބޭރުކޮށްގެން 36 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިނިކުރި މަސްބޭރުކޮށްގެން 114 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.