ކުޅިވަރު

ސައުދީ ވޯލްޑް ކަޕުގެ ބައެއް މެޗުތައް މިސްރުގައި ކުޅެން ފީފާއަށް


ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ބައެއް މެޗުތައް މިސްރުގައި ކުޅެދޭން އެ ގައުމުން ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) ގައި އެދިއްޖެއެވެ.

މި ގޮތަށް އެދުނީ އެފްރިކާގެ ފުޓްބޯޅަ ޖަމާއަތުގެ އަހަރީ އާއްމު ބައްދަލުވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިސުރަށް ވަޑައިގަތުމުންނެވެ.

"ސައޫދީ އަރަބިއާ އެ ދަނީ ތާރީހީ ވޯލްޑްކަޕެއް ބާއްވަން ތައްޔާރުވަމުން. އަހަރުމެން ދުއާ އަކީ ސައޫދީ އަރަބިއާ އަށް ހުރިހާ ގޮތަކުން ވެސް ކާމިޔާބު ލިބުން. ހަމަ މިއާއެކު އަހަރުމެން ފީފާގެ ރައީސްގެ ކިބައިން އެދޭ އެދުމަކީ މި މުބާރާތުގެ ކޮންމެވެސް އެއް ގްރޫޕެއް މިސުރުގައި ކުޅެދިނުން. އެއީ މިސުރާއި އެފްރިކާ ބައްރުގެ މީހުނަށްޓަކައި،" މިސުރުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ހަނީ އަބޯ ރިދާ ވިދާޅުވި އެވެ.

މިސުރުގައި ވޯލްޑްކަޕުގެ ކޮންމެވެސް އެއް ގްރޫޕެއްގެ މެޗުތައް ބާއްވައިދޭން އެދޭ ސަބަބު ވެސް އޭނާ ވިދާޅުވި އެވެ.

"މި 2034 ވަނަ އަހަރަކީ މިސުރަށް ވެސް އެފްރިކާ އަށް ވެސް ވަރަށް ތާރީހީ އަހަރެއް. އެއީ މިއީ އެފްރިކާގެ ޓީމަކުން ގޮސް ވޯލްޑްކަޕުގައި ކުޅުނުތާ 30 އަހަރު ފުރޭ އަހަރު. އެބަޔަކީ މިސުރު. މިހެންވެ އެ ތާރީހީ މުނާސަބަތު ފާހަގަ ކުރަން އަހަރުމެން ބޭނުންވަނީ،" ހަނީ އަބޯ ރިދާ ވިދާޅުވި އެވެ.

މިސުރު ވަނީ މީގެ ކުރިން 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން ބިޑް ވެސް ކޮށްފަ އެވެ. ނަމަވެސް މިސުރުގެ ބިޑް ވަނީ ފެއިލްވެފަ އެވެ. ސައޫދީ އަރަބިއާއިން 2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވަން ހުށަހެޅި ބިޑާއެކު އެހެން ހުރިހާ ގައުމަކުން ވަނީ ސައޫދީންނަށް ތާއީދުކޮށްފަ އެވެ. މީގެ ސަބަބަކީ މާލީ ގޮތުން ސައޫދީއާ ވާދަކުރުމުގެ ގާބިލްކަން ގިނަ ގައުމުތަކަށް ލިބިފައިނުވުމެވެ.