ފާއިތުވި ތިން އަހަރުގެ ކްރިކެޓްގެ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމާއެކު ކްރިކެޓް ހަވީރު ބާއްވައިފިއެވެ.
ބުދަ ދުވަހުގެރޭ ޣިޔާސުއްދީނު އިންޓަރނޭޝަނަލް ސްކޫލް ހޯލުގައި ބޭއްވި ކްރިކެޓް ހަވީރު ހަފުލާގައި ވަނީ ފާއިތުވި ތިން އަހަރު އެކި ގޮތްގޮތުން ފާހަގަކުރެވުނު މޮޅު ކުޅުންތެރިންނާއި، ކުރިކެޓް ކުރިއެރުވުމަށް އެހީތެރިވެދިން ފަރާތްތައް ފާހަގަކޮށް އެވޯޑް ދީފައެވެ.
އެގޮތުން ފާއިތުވި އަހަރުގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ކުރިކެޓް ކުޅުންތެރިންނާއި އެންމެ މޮޅު ބޯލަރުންނާއި، އެންމެ މޮޅު ބެޓްމަނުން އަދި އެންމެ މޮޅު ކުލަބުވެސް ވަނީ ހޮވާފައެވެ.
2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުރިކެޓް ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ގައުމީ ޓީމުގައި ހިމެނޭ ލ. ކުނަހަންދުއަށް ނިސްބަތްވާ ސުމައްޔާ ބިންތް ހަމީދެވެ. އަތޮޅު ކުރިކެޓްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހާސިލް ކުރީ ސުމައްޔާއެވެ. އަދި 2023 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ބެޓާގެ އެވޯޑްވެސް ހާސިލްކުރީ ސުމައްޔާއެވެ.
2022 އާއި 2023 ވަނަ އަހަރުގެ އެންމެ މޮޅު ކްރިކެޓާރގެ އެވޯޑް ހާސިލް ކުރީ އާދަމް ނާސިފު އުމަރެވެ. އަދި 2024 ވަނަ އަހަރުގެ އެންމެ މޮޅު ކުރިކެޓާގެ އެވޯޑް ހޯދީ ޔޫސުފް އަޒިޔާން ފަރުހަތެވެ.
ޖޫނިއާ އަދި ޔޫތް އެވޯޑްތަކުގެ ބައިން އަތޮޅު ކުރިކެޓްގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ މިޒްޔާން އިބްރާހިމް އެވެ. އެންމެ މޮޅު ފިރިހެން ކުރިކެޓް ކުޅުންތެރިޔަކަށް ހޮވުނީ ޔޫސުފް އަޒްޔާން ފަރުހަތެވެ. އެންމެ މޮޅު ޖޫނިއާ ކުޅުންތެރިޔަކަށް ހޮވުނީ އަބުދުالله މަބްސަރެވެ.
ކުރިކެޓްގެ އެންމެ މަތީ ހަރުފަތުގައި ކާމިޔާބީ ހޯދާ ފަރާތްތަކަށް ދޭ އެވޯޑްތަކުގެ ތެރެއިން 2022 އާއި 2024 ވަނަ އަހަރުގެ އެންމެ މޮޅު ބޯލަރުގެ އެވޯޑު ލިބުނީ އިބްރާހިމް ރިޒާންއަށެވެ.
ކުރިކެޓް ރާވާ ހިންގުމުގެ ދާއިރާއިން ހިދުމަތްކޮށްދޭ ފަރާތްތަކުގެ ތެރެއިން ކުރިކެޓް މާކެޓް ކުރުމާއި ޕްރޮމޯޓް ކުރުމުގެ ދާއިރާއިން ޕްރެޒިޑެންޓް އެވޯޑް ހާސިލުކުރީ އެގްޒެކެޓިވް ކޮމިޓީގައި ކުރިން މަސައްކަތް ކުރެއްވި އަހުމަދު އާމިރު ތަކަންއެވެ.
މި ރަސްމިއްޔާތުގައި ކޯޗިން ދާއިރާއިން އެންމެ ހިދުމަތްތެރި ކޯޗުގެ އެވޯޑް ލިބިފައިވަނީ ސްދީޝް ސުދަން އަށެވެ. އަންޕަޔަރުންގެ ދާއިރާއިން އެވޯޑް ހާސިލް ކުރީ މުހައްމަދު އުބައިދުﷲ އެވެ. 2022 އަދި 2023 ވަނަ އަހަރުގެ އެންމެ ހިދުމަތްތެރި ކުލަބުގެ އެވޯޑް ހޯދީ މިލާން ކުރިކެޓް އެކަޑަމީންނެވެ. އަދި 2024 ވަނަ އަހަރުގެ އެންމެ ހިދުމަތްތެރި ކުލަބުގެ އެވޯޑް ހޯދީ ސީބީއެލް ސްޕޯޓްސްއެވެ.
މި ރަސްމިއްޔާތުގައި ވަނީ ކުރިކެޓް ކުރިއެރުވުމުގައި އެއްބާރުލުން ދިނުމަށް ތިން ފަރާތަކާއިއެކު ސޮއިކޮށްފައެވެ. އެގޮތުން ފުވައްމުލަކު ކުރިކެޓް ދަނޑު އިތުރަށް ތަރައްޤީކޮށް ދުވާލާއި ރޭގަނޑު ކުޅެވޭ ވަރުގެ ތަނަކަށް އެތަން ހެދުމަށް އިނގިރޭސިވިލާތުގެ ކުންފުންޏަކާއި ހަވާލުކުރުމާއި ގުޅޭ އެއްބަސްވުމާއި، ގައުމީ ޓީމުގެ ޖާޒީތައް ކުރިޔަށް އޮތް 3 އަހަރު ދުވަހަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކުރިއެވެމީގެ އިތުރުން އިންޑިއާ ކުންފުންޏަކާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ކުރިކެޓް ކުރިއެރުވުމަށް އެކި ގޮތްގޮތަށް އެހީތެރިވެދޭ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާވެސް ހަވާލުކޮށްފައެވެ. މީގެ އިތުރުން ސީބީއެމްގެ "ކްރިކެޓް ނިއު އިނިޝިއޭޓިވް" އިފްތިތާހް ކުރެވިގެން ދިޔައެވެ.
ކްރިކެޓް ނިއު އިނިޝިއޭޓިވް އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. ސީބީއެމްގެ ކްރިކެޓް ހަވީރު ހަފްލާ ޝަރަފުވެރިކޮށްދެއްވާ ބައެއް އެންމެ ޝަރަފުވެރި އެވޯޑްތައް ހާސިލް ކުރި ކުރިކެޓް ކުޅުންތެރިންނަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ކުޅިވަރާ ބެހޭ ވަޒީރު ރާފިޢުއެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަބުދުއްސައްތާރުގެ އިތުރުން ޖެނެރަލް ސެކެއްޓްރީ ތަމޫހް އަހުމަދު ސައީުވެސް ބައިވެރިވެލެއްވިއެވެ. އަދި ކުރިކެޓްގެ ހިދުމަތްތެރިންނާއި ސްޕޮންސަރުންނާއި ގައުމީ ޓީމާއި އެކަޑަމީތަކުގެ ކުޅުންތެރިން ބައިވެރިވިއެވެ.