ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގެ ސެމީ ފައިނަލަށް މީޓިއޯސް ދަތުރުކޮށްފިއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ސީގެ ފުރަތަމަ މެޗުން ޚާރިޖީ މޮޅުވީ ޕޮލިސް ކުލަބާ ބައްދަލުކޮށް 11 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ޚާރިޖީ ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިޔަކު ނުބައިނުވެ 142 ލަނޑު ހެދިއިރު، އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އާރިފް ރިޒާއެވެ. ޖަވާބުގައި ޕޮލިސް ކުލަބުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން ހެދުނީ 131 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 31 ލަނޑު ހެދި އިސްމާޢީލް ނަސީރެވެ.
މިއަދު ކުޅުނު ދެވަނަ މެޗުން މީޓިއޯސް މޮޅުވީ އޮފް އެފްސީއާ ވާދަކޮށް 7 ވިކެޓުންނެވެ. މެޗުގައި ގުރުދިމާވުމުން އޮފް އެފްސީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން ހެދުނީ 86 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 24 ލަނޑު ހެދި އަޙްމަދު ރިޔާޒެވެ. ޖަވާބުގައި މީޓިއޯސް ކުޅެންއަރާ 4 އޯވަރުގެ ތެރޭގައި 88 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މުހައްމަދު ރިޝްވާނެވެ.
މި މޮޅާއެކު މީޓިއޯސް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ޚާރިޖީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޕޮލިސް ކުލަބަށް ލިބުނީ ތިން ޕޮއިންޓެވެ. އަދި ފުލުގައި އޮތް އޮފް އެފްސީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީޓިއޯސްގެ އިތުރުން ސެމީގެ ޖާގައެއް ދެން ކަށަވަރުކޮށްފައިވަނީ ގްރޫޕް އޭގެ އެއްވަނަ ހޯދި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ގްރޫޕް ބީގެ އެއްވަނަ ކޭޑީއެމް އިންނެވެ.