ވިޔަފާރި

ޤައުމީ އެއަރލައިނަށް އިތުރު މަތިންދާ ބޯޓެއް ގެންނަނީ


ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު މަތިންދާ ބޯޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އެކުންފުޏަށް ގެނައުމަށް ހަމަޖެހިފައިވަނީ ޑޭޝް އެއިޓް މަރުކާގެ ބޯޓެކެވެ. މި ބޯޓް ގެނެވުމުން، އައިލޭންޑް އޭވިއޭޝަންގައި ހިމެނޭ މަތިންދާބޯޓްގެ އަދަދު އެކާވީހަށް އަރާނެއެވެ.

މިހާރުވެސް މޯލްޑިވިއަންގެ މަތިންދާ ބޯޓު ފްލީޓުގައި ޑޭޝް 8 މަރުކައިގެ 8 މަތިންދާ ބޯޓު އޮވެއެވެ. މޯލްޑިވިއަނުން ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓުތައް ބޭނުންކުރަމުން އަންނަނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައާއި އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރުމަށެވެ.

އަލަށް ގެނައުމަށް ހަމަޖެހިފައިވާ މަތިންދާ ބޯޓު އައުމުން، މޯލްޑިވިއަންގެ ޑޭޝް 8 މަރުކައިގެ މަތިންދާ ބޯޓު ފްލީޓުގެ އަދަދު 9 އަކަށް އަރާނެއެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް ޢަލީ ނަޝާތު ވިދާޅުވީ އަލަށް ގެންނަ ބޯޓު މިއަހަރުގެ އޮކްޓޯބަރ މަހުގެތެރޭގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި އެއަރބަސް އެއަރކްރާފްޓްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ފުޅާކުރުމުގެ ގޮތުން ދާދި ފަހުން މޫދަށް ޖައްސާ އިތުރު ބޯޓެއް ގެނެސްފައިވާ އިރު އެ ސީޕްލޭން އަކީ މަތީ ފެންތީގެ ސީ ޕްލޭނެއް ކަމަށް ނަޝާތު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މިމަހުގެ ތެރޭގައި ވެސް މޫދަށް ޖައްސާ އިތުރު ބޯޓެއް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ނަޝާތު ވިދާޅުވިއެވެ.

މޯލްޑިވިއަނުން އަންނަނީ ރާއްޖޭގެ 9 މަންޒިލެއްގެ އިތުރުން ޗައިނާގެ 7 ސިޓީއަކަށް ދަތުރުތައް ކުރުމުންނެވެ. މީގެއިތުރުން އިންޑިއާގެ ޓްރިވެންޑްރަމާއި  ޗެންނާއީ، ބަންގްލަދޭޝްގެ ވެރިރަށް ޑާކާ، އަދި  ތައިލެންޑްގެ ވެރިރަށް ބެންކޮކަށްވެސް ދިވެހި ޤައުމީ އެއަރލައިނުން ޝެޑިއުލް ދަތުރުތައް ކުރަމުންދެއެވެ.