އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް އެއް މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ފެނަކައިން ވިދާޅުވީ މިއުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުކަމަށެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ އިންޖީނުތަކެއް އޯވަހޯލް ނުކޮށް ދިގުލައިގެންދިއުމުން އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.
ލޯޑު ބޮޑުވެ އައްޑޫ ސިޓީގައި މިހާރު ކަރަންޓު ދެނީ، އެކި ގަޑިތަކަށް އެކި ހިސާބުތަކުން ކަރަންޓު ކަނޑާ އުސޫލުންނެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް މިކަމާ ގުޅިގެން އޮތްއިރު، ކަރަންޓު ކަނޑަންޖެހޭ މައްސަލަ ހައްލުކުރުމަށް ފެނަކައިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މިމައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާހު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކުންފުނިން މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށެވެ.
އެގޮތުން އޯވަހޯލްކޮށް މަރާމާތުކުރަމުންދާ 1.6 މެގަވޮޓްގެ 2 ޖަނަރޭޓަރު ސެޓްގެތެރެއިން، އެއް ޖަނަރޭޓަރުގެ މަސައްކަތް ނިންމާ މިހާރު ޚިދުމަތަށް ގެނެސްފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ. އަދި ދެން ހިމެނޭ އަނެއް ޖަނަރޭޓަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށް ފެނަކައިން މަޢުލޫމާތު ދެއްވައެވެ.
އައްޑޫ ސިޓީގައި ޕީކް ވަގުތުގައި ކަރަންޓުގެ ލޯޑު، 11.6 މެގަވޮޓަށް އަރައެވެ.
ފެނަކައިން ވިދާޅުވީ އައްޑޫ ސެންޓްރަލް ޕަވަރސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓި އިތުރުކުރުމަށް 1 މެގަވޮޓުގެ އައު ޖަނަރޭޓަރެއް އައްޑޫއަށް ފޮނުވުމަށް މާލެއިން ފުރުވާލާފައިވާ ކަމަށެވެ. މިއުޅަނދު އައްޑޫ ސިޓީއަށް ބަނދަރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުކަމަށް ފެނަކައިން ވިދާޅުވެއެވެ. މިޖަނަރޭޓަރު ބަހައްޓާ ސެޓަޕް ހެދުމާއި، އެކަމަށް ބޭނުންވާ ޓެކްނިކަލް ތައްޔާރީތައްވެސް މިހާރު ވަމުންދާކަމަށް ފެނަކައިންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން އިންޑިއާއިން 1.8 މެގަވޮޓްގެ ޖަނަރޭޓަރެއްވެސް ރާއްޖެ ގެނައުމުގެ މަގުމަތީގައި ވާކަމަށް ފެނަކައިން ވިދާޅުވެއެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރިއަށްގެންދަމުންނެވެ. އައްޑޫ ސިޓީގައި އަޅަން ފަށާ ހުއްޓިފައިވާ، 32 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ. މިއާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ.