ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ދެވަނަ މަގާމު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން 57 ޕޮއިންޓާއެކު ދެވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް އެއް މެޗު މަދުން ކުޅެގެން 57 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 30 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ވިނީޝިއުސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގައި ވަޔެކާނޯއިން ވަނީ ލަނޑެއް ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ޑިއާޒްއެވެ. މިއީ އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެ ހުރި ޖޫޑް ބެލިންހަމް ވަނީ މި މެޗުގައި ކުޅެފަ އެވެ.
މި މެޗަށްފަހު ރެއާލް މެޑްރިޑް ދެން ނިކުންނާނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި މެޑްރިޑްގެ ވާދަވެރި ކުލަބު ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް އަންނަ ބުދަ ދުވަހުއެވެ.