ދީން

"ކީރިތި ޤުރުއާނުގެ ޢިލްމަށް މޮޅު ބޭފުޅުން ރާއްޖެއަށް ބޭނުން"


ރާއްޖޭގައި އިސްލާމީ ތަޢުލީމުގެ ދާއިރާއިން މަތީ ތަޢުލީމް އުނގެނިވަޑައިގެން ތިއްބެވި ޢިލްމުވެރިން އެންމެގިނައިން ތިއްބެވީ ޝަރީޢާ ދާއިރާއިންނާއި ޙަދީޘް ޢިލްމުގެ ދާއިރާއިންނެވެ. މި ރޮނގުތަކުން ދީނީ ޢިލްމުވެރިން ތިއްބެވިނަމަވެސް ތަފާތު ދާއިރާތަކުން ދީނީ ޢިލްމުވެރިން ވަރަށް މަދެވެ. އަދި އިސްލާމީ މަތީ ތަޢުލީމް އުނގެނިވަޑައިގެން ތިއްބެވި ގިނަ ޢިލްމުވެރިންނަކީ ބެޗްލާރސް ހައްދަވާފައި ތިއްބެވި ބޭފުޅުންނެވެ. ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ޢިލްމުވެރިން ވަރަށްވެސް މަދެވެ.

ރާއްޖޭގެ ތަޢުލީމީ މުއައްސަސާތައްވެސް ކުރިއަރައިގެން ދާނީ ޢިލްމުވެރިންވެސް މަތީ ތަޢުލީމް ޙާޞިލްކުރައްވައިގެން ކަމަށް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ އެއް ފަރާތްކަމަށްވާ، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިވަގުތު ރާއްޖެއަށް އެންމެ ބޮޑަށް ދީނީ ޢިލްމުވެރިން ބޭނުންވާ ރޮނގަކީ ކީރިތި ޤުރުއާންގެ ޤިރާޢަތުގެ ޢިލްމުކަމަށެވެ. ރިވާޔަތްތަކާއި، މަޒްހަބްތަކާއި ޤުރުޢާނުގެ ޢިލްމުގެ ތަޙައްސުސްގެ ދާއިރާއިން ޢިލްމު ޙާޞިލްކުރައްވައިގެން ތިއްބެވީ ދެތިން ޢިލްމުވެރިންކަން ޝަހީމް ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14607398514712.jpg|އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު -ފޮޓޯ: ޕިއެސްއެމް

އެހެންކަމުން މިވަގުތު ރާއްޖޭގައި ނެތް ބައެއް ދާއިރާތަކުން އިސްލާމީ މަތީ ތަޢުލީމްގެ ފުރުޞަތު ފަހިކުރެއްވުމަށް އިސްލާމިކް ޔުނިވަރސިޓީން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްޞަގޮތެއްގައި އިސްލާމީ ފިޤްހުގެ ދާއިރާއިންނާއި، އިތުރު ދާއިރާތަކުން ޕީއެޗްޑީ ފުރުޞަތު ހުޅުއްވާލެއްވުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާއި، އަލް-އަޒްހަރު ޔުނިވާރސިޓީން މަތީ ތަޢުލީމް ޙާޞިލްކުރައްވައިގެން ތިއްބެވި ޢިލްމުވެރިން ރާއްޖެ ވަޑައިގެން، އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޢިލްމު ފެތުރުއްވުމަށާއި، އިސްލާމީ ދައުވަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ. އެ ޢިލްމުވެރިން ޕޯޑިއަމްތަކުންނާއި އެނޫންވެސް ތަންތަނުގައި ދަރުސް ދެއްވުމުގެ އިތުރަށް، ޒުވާނުންގެ ހިތްތަކަށް އެ ޢިލްމު ވާސިލްވާނެ ގޮތްތައް އިޚްތިޔާރު ކުރަންޖެހޭކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މިކަމަށްޓަކައި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައި ހުރި ފުރުޞަތުތައް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަފްޞީލްކޮށްދެއްވިއެވެ.

ރާއްޖެއަކީ އިސްލާމްދީނަށް ލޯބިކުރާ، ދީން ކުރިއެރުވުމަށް މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ޤައުމަކަށްވާއިރު، އިސްލާމްދީނުގެ އުޞޫލުތައް އުނގަންނައިދެއްވަން ތިއްބެވި ޢިލުވެރިން، ގިނަ ދާއިރާތަކުން ދީނީ ޢިލްމު ޙާޞިލްކުރައްވައިގެން އެ ޢިލްމު ފެތުރުއްވުމަކީ ރާއްޖެއަށް އިސްލާމީ ވަޙުދަތު ފެތުރުމާއި ދެމެހެއްޓުމަށް ފައިދާތަކެއް ކުރާނެކަމެއްކަމަށް ގިނަ ޢިލްމުވެރިން ޤަބޫލްކުރައްވައެވެ.