ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަ އޮޑި ސްޕޯޓްސް ކުލަބުގެ ކޯޗުގެ މަގާމަށް އޮސްޓްރޭލިއާއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަން ހަމަޖައްސައިފިއެވެ. ގިލަން މިރޭ އޮޑި ސްޕޯޓްސްއާ ރަސްމީކޮށް ހަވާލުވެފައިވާއިރު، ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް އޮޑި ސްޕޯޓްސްއިން ފަރިތަކުރުންތައް ފަށާފައިވާއިރު، މީގެ ކުރިން ޓީމަށް އިރުޝާދުދެމުން ގެންދިޔައީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަޙްމަދު ފައްރާހު އާއި ފަރުހާދު އިސްމާޢީލެވެ. އޮޑި ސްޕޯޓްސް ކުލަބު ދެވަނަ ޕްރޮމޯޓްކޮށްދިން ކޯޗު، މުހައްމަދު އާތިފް (އާތީ) މިހާރު ކޯޗުކޮށްދެމުން ދަނީ ވިކްޓަރީ ސްޕޯޓްސް ކުލަބަށެވެ.
އޮސްޓްރޭލިއާގެ ކޯޗު ގިލަންއަކީ 25 އަހަރުގެ ކޯޗިންގެ ތަޖުރިބާއާއެކު އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަސައްކަތްކޮށް ނަތީޖާ ނެރެދީފައިވާ ކޯޗެކެވެ. އޭނާ މީގެ ކުރިން މަސައްކަތްކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ނޭޕާލް ފަދަ ގައުމުތައް ހިމެނެއެވެ.
އިންގްލަންޑާއި އޮސްޓްރޭލިއާގެ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ގިލަންއަކީ ޔުއެފާ ޕްރޯ ލައިސަންސް ހާސިލުކޮށްފައިވާ ކޯޗެކެވެ. ސްކޮޓްލަންޑަށް އުފަން ގިލަން ވަނީ ކޯޗުކަމުގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން މެލޭޝިޔާގެ ވަރުގަދަ ކުލަބު ކޭޑީއޭ އެފްސީގެ ޔޫތު ޑިރެކްޓަރުގެ މަގާމާއި, އިންޑިއާގެ ސުޕަރ ލީގުގައި ވާދަކުރާ ކެލިކަޓް އެފްސީގެ ޑިރެކްޓަރުކަންވެސް އޭނާ ވަނީ އަދާކޮށްފައެވެ.
އޮޑި ސްޕޯޓްސްއިން މީގެ ކުރިން ފަރިތަކުރުންތައް ފަށާފައިވާއިރު، އެ ޓީމަކީ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް ފެށި ދެވަނަ ޓީމެވެ. އެ ޓީމުން ވަނީ އައު ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ދެވަނަ ޑިވިޝަނުގައި އެ ޓީމަށް ކުޅުނު އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި، މީގެ ކުރިން ކުޅުން ހުއްޓާލި ނަމަވެސް އަލުން ކުޅުމަށް އެނބުރި އައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުލްބެކް މުޙައްމަދު ރަޝީދު (ހޮކޭ) ގެ އިތުރުން، ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) އަދި ތަޖުރިބާކާރު ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހިމެނެއެވެ.
އަދި ގައުމީ ޓީމުގެ ޑިފެންޑަރު އަޙްމަދު ނޫމާން (ހެލްމެޓް) އާއި، ގައުމީ ޓީމުގެ ޒުވާން ކުޅުންތެރިޔާ މުޒްދާން ހަސަން އާއި، އިބްރާހީމް އިމްރާން (އިންމި) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުރިން ކުޅުނު އައިހަމް އަޙްމަދު އަދި ހައިޝަމް ރަޝީދުވެސް ފާހަގަކޮށްލެވެއެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުއެވެ. ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފަށާއިރު، ދިވެހި ޕްރިމިއަރ ލީގު ފަށަނީ އެ މަހުގެ 10 ވަނަ ދުވަހުއެވެ.