ތަޢުލީމު

ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރަނީ


ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން މިހާރު ތަމްރީނުވަމުން އަންނަނީ ރާއްޖެއިން ބޭރުގައެވެ. މިގޮތުން ނޭޕާލާއި އިންޑިޔާ އަދި ޕާކިސްތާނުގައިވެސް ދިވެހި ދަރިވަރުން އެމްބީބީއެސް ދަނީ ކިޔަވަމުންނެވެ. އަދި ޔޫރަޕް އާއި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައިވެސް ދިވެހިން އަންނަނީ ކިޔަވަމުންނެވެ. މިއީ ރާއްޖެއަށް ލިބޭ ސްކޮލަރޝިޕްގެ ފުރުސަތުތަކާއި، ލޯން އެހީގެ ފުރުސަތުތަކުގެ ދަށުން އަދި އަމިއްލަ ޚަރަދުގައި ކިޔަވަމުންދާ ދަރިވަރުންނެވެ.

އެހެންނަމަވެސް ރާއްޖެއިން ބޭރުގައި މެޑިސިން ކިޔެވުމަށް ބޭނުންވާ ޖާގަ ހޯދުމާއި މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު، ރާއްޖޭގައި މިދާއިރާއިން މީހުން ތަމްރީނުވެވެން ނެތުމަކީ މިދާއިރާ ކުރިއެރުވުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މިއީ މިހާރު ރާއްޖޭގައި ކޮންމެހެން ކުރަންޖެހިފައިވާ ވަރަށް މުޙިއްމު ކަމެއްގެ ގޮތުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ. އެހެންކަމުން ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ ފައްޓަވާފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑޮކްޓަރ ޝީޒާ ޢަލީ ވިދާޅުވީ ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރުމަކީ ވަރަށް ގިނަ މަސައްކަތްތަކަކާއި، ބޮޑު ހޭދައެއް ކުރަންޖެހޭކަމެއްކަމުގައިވާތީ މިކަމުގައި އަދި ގޮތެއް ނިންމިފައިނުވާކަމަށެވެ. އެހެންނަމަވެސް ޤައުމީ ޔުނިވަރސިޓީ އާއެކު މިކަންކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި މަޝްވަރާތައް ކުރަމުންދާކަމަށް ޝީޒާ ވިދާޅުވިއެވެ.

ޑޮކްޓަރ ޝީޒާ ވިދާޅުވީ މިކަމުގައި މަޝްވަރާގެ މަރުޙަލާގައި ވިސްނަމުންދަނީ ހުޅުމާލޭގައި މެޑިކަލް ސްކޫލެއް ޤާއިމުކުރުމަށްކަމަށާ، އެހެންނަމަވެސް މާލޭގައި މެޑިކަލް ސްކޫލް ފަށައިގަތުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.

ސިއްޙީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުންގެ އިތުރުން އެހެނިހެން ޕްރޮފެޝަނަލް ހެލްތް އެކްސްޕަރޓުން އުފެއްދެވުމުގެ މަސައްކަތަކީވެސް ސަރުކާރުން އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ ކަމެކެވެ. އެގޮތުން ދޭދޭ ޤައުމުތަކުގެ މެދުގައި ކުރެވެމުންދާ މަޝްވަރާތަކުގައި ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އިންޑިޔާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެމްއޯޔޫގެ ދަށުން ޑޮކްޓަރުކަން ކިޔެވުމަށް ކުދިން ފޮނުވަމުންދެއެވެ. އަދި ސްޕެޝަލައިޒްވުމަށް ނޭޕާލްގެ 2 އިންސްޓިޓިއުޓަކާއި ގުޅިގެން ވެފައިވާ އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރު 18 ކުދިން ވަނީ ފޮނުވާފައެވެ. އަދި މިއަހަރު 9 ކުދިން ޚާއްސަ ދާއިރާތަކަށް ކިޔެވުމަށް ފޮނުވާފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޮލަރޝިޕް ފުރުސަތުތަކުގައި ޑޮކްޓަރުކަން މިހާރު 23 ކުދިން ކިޔަވަމުންދެއެވެ. އަދި ސްޕެޝަލައިޒްވުމަށް 32 ޑޮކްޓަރަކު ދަނީ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންނެވެ.