ވިޔަފާރި

"މަހުގެ އުފެއްދުންތަކަށް މަތީއަގެއް ހޯދައިދިނުމަކީ އަމާޒެއް"


ރާއްޖެއަކީ ކުޑަ ޤައުމަކަށްވެފައި، ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ އަދަދު މަދުނަމަވެސް، މަސްވެރިން ބާނާ މަހަށް މަތީއަގެއް ހޯދައިދެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ބޭރު ޤައުމުތަކުގެ ޑިމާންޑް މިހާރުވެސް ބޮޑުކަމަށާއި، އެކަން އެގޮތުގައި ދެމެހެއްޓުމަށްޓަކައި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި، މަސްވެރިކަމުގެ ނަފާ އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ޕީ.އެސް.އެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގައި ކުރެވޭ ދޮށީގެ މަސްވެރިކަމަކީ ބޭރުގެ ޤައުމުތަކުން ވަރަށް ބޮޑަށް ބަލައިގަންނަން މަސްވެރިކަމެއް ކަމަށެވެ. އަދި ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނެވި އުޞޫލެއްގެ ދަށުން ކުރެވެމުން އަންނަ މަސްވެރިކަމަކަށްވެފައި، ރާއްޖޭގެ މަހުގެ ބާވަތްތަކަށް ބޭރުގެ މާކެޓްތަކުގެ ސަމާލުކަން އަބަދުވެސް ލިބެމުން އަންނަކަމަށެވެ.

img:http://s2.psmnews.mv/images/660x400/8980.jpg|ދިވެހިރާއްޖޭގެ ސަރަޙައްދުގައި ދިވެހި މަސްވެރިން މަސް ބާނަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް

ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ އެކި ބާވަތްތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރާ ފަރާތްތަކަށް މެރިން ސްޓެވޯޑްޝިޕް ކައުންސިލްގެ ފަރާތުން ބައިނަލްއަޤްވާމީ ފެންވަރުގައި ދޭ ސެޓްފިކެޓެއްކަމަށްވާ އެމް.އެސް.ސީ ސެޓިފިކެޓް ލިބިފައިވާ އުފެއްދުންތަކެއްކަމުން ބޭރުގެ މާކެޓްތަކުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ އިސްކަމެއް ދޭކަން ޑރ. ޝައިނީ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ މުޅި ސިނާޢަތަށް ބަލާނަމަ، ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރައްވަނީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތަކަށް ބައްލަވައިގެންކަމަށެވެ. އެގޮތުން ރާއްޖޭން ބޭރަށް ހަމައެކަނި ގަނޑުކުރި މަސް ބޭރުކުރުމުގެ ބަދަލުގައި މަހުން އެކަށީގެންވާ ބާވަތްތައް އުފައްދައި، އެ އުފެއްދުންތަކަކީ ގަނޑުކުރި މަހަށްވުރެ މަތީ އަގު ލިބޭ އެއްޗަކަށް ހެދުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އުފެއްދުމުގެ ތެރެއިން އިތުރު ވަޒީފާ ލިބޭނެގޮތަކަށް މަސައްކަތްތަކެއް ކުރެވިގެން ނޫންގޮތަކަށް ރާއްޖެއިން މަސް ބޭރުކުރުމަކީ، ސަރުކާރުން ބޭނުންފުޅުވާގޮތް ނޫންކަމަށެވެ. އަދި މި އަމާޒަށް ވާޞިލްވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ޑރ. ޝައިނީ ވިދާޅުވިއެވެ.

"އަމިއްލަ ފަރާތަކުން 25 ޓަނުގެ މަސް ޕްލާންޓެއް ހެދުމުގެ މަސައްކަތް އެބަކުރޭ. މިފްކޯގެ ފަރާތުން އެބޭފުޅުންގެ 12 ޓަނުގެ މަސް ފެކްޓަރީ 50 ޓަނަށް ނުވަތަށް 2 ޝިފްޓަކަށް ރަނގަޅަށް ކުރެވިއްޖެޔާ 60 ޓަނު ގާތްގަނޑަކަށް ކުރެވޭނެ. އަދި ހޮރައިޒަން އިން ކުރާ މަސައްކަތުގެ ތެރެއިން 80 ޓަނުގެ ކެޕޭސިޓީ އެބަހުރި. އަޅުގަނޑުމެންނަށް މިހުރިހާ ތަނެއް މަސައްކަތަށް ނެރެވިއްޖެނަމަ ރާއްޖެއިން މިވަގުތު ބާނާ ހުރިހާ މަހެއް ދަޅުގައި ބަންދުކޮށްގެން ނުވަތަ އެހެންގޮތްގޮތަށް ހަދައިގެންވެސް ނެރެވޭނެ" ޑރ. ޝައިނީ ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/Mahuge-Ufehdhun-.jpg|ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުންތަކެއް / ފައިލް ފޮޓޯ: ޕީ.އެސް.އެމް

ރާއްޖޭއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ދުނިޔޭގެ އެކި މާކެޓްތަކުގައި ޑިމާންޑް އޮތީ އެކިވަރަށްކަން ފާހަގަކުރައްވައި، ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، ކަޅުބިލަ މަހަށް އެންމެ ޑިމާންޑް ބޮޑީ ޔޫރަޕްގެ ޤައުމުތަކުން ކަމަށާއި، ރާއްޖޭގެ އުފެއްދުންތަކަށް އެންމެ ބޮޑު އަގެއްދޭން ތައްޔާރަށް ތިބީވެސް ޔޫރަޕްގެ ޤައުމުތަކުން ކަމަށެވެ. އަދި ހުއިފިލަނޑާގެ ބާވަތްތަކަށް އެންމެ ޑިމާންޑް ބޮޑީ މެދުއިރުމަތީގެ ޤައުމުތަކަށް ކަމަށާއި، ތާޒާކޮށް ނުވަތަ ގަނޑުކޮށްގެން ފޮނުވާ ރީނދޫއުރަހަ ކަންނެލި އެންމެ ގިނައިން ވިކެނީ އެމެރިކާއަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިސާލަކަށް ކަޅުބިލަ މަސް ކަމަށްވެއްޖެއްޔާމުން ޔޫރަޕް. ޔޫރަޕްގައި އަޅުގަނޑުމެންގެ ޕްރޮޑަކްޓް އެޕްރިޝިއޭޓް ކުރައްވާ މީހުން އެބަތިބި. އޭގެ މާނައަކީ ދެމެހެއްޓެނިވި ގޮތަކަށް ބާނާ މަހަށް އިތުރު އަގެއްދޭން ތައްޔާރަށް ތިބީ ޔޫރަޕް. އެހެންކަމުން ޔޫރަޕް ނޫންތާކަށް އެމަހެއް ނުވިކޭނެ. ހުއިފިލަނޑާ ކަހަލަ އެއްޗެއްސަކީ ބޮޑަށް އީސްޓް މާކެޓަށް ދާ އެއްޗެހި. އެހެންވީމަ އެކި ޕްރޮޑަކްޓްސްތަކަށް ހުރީ އެކި މާކެޓްސްތައް. މިސާލަކަށް އެމެރިކާ ވެއްޖެޔާމުން އަޅުގަނޑުމެން ހަމަ އިތުރުކުރަމުން މި ގެންދަނީ ތާޒާކޮށް މިފޮނުވާ ނުވަތަ ގަނޑުކޮށްގެން މިފޮނުވާ ރީނދޫއުރަހަ ކަންނެލި. އޭގެ މާކެޓް ބޮޑަށް އޮތީ އެމެރިކާއަށް" ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/6022.jpg|ފެލިވަރު މަސް ފެކްޓަރީ / ފައިލް ފޮޓޯ: ޕީ.އެސް.އެމް

ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް އެންމެ ތާޒާކަމާއެކު ބޭރުގެ މާކެޓްތަކުގައި ވިއްކޭނެ މަގު ފަހިކޮށްދެއްވުމަށް ސަރުކާރުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރަޙައްދީ ފެންވަރުގައި އަދި ދުނިޔޭގެ ފެންވަރުގައިވެސް ބާއްވާ ބޮޑެތި އެކްސްޕޯތަކާއި، ފެއަރތަކުގައި ސަރުކާރުގެ އިސްނެންގެވުމުގެ މަތީން ރާއްޖެއިން ބައިވެރިވެ، މަސްވެރިންގެ އުފެއްދުންތައް ޕްރޮމޯޓްކޮށްދީ، ބޭރުގެ މާކެޓްތަކާއި، ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ފާއިތުވި އަހަރުތަކުގައި ކުރެވި، އެކަމުގެ ނަތީޖާ މިހާރު ފެންނަށް ފަށާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.