ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުގައި މިއަދު އިންޑިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނިއުޒިލެންޑުގެ ބޯލަރު މެޓް ހެންރީގެ ކޮނޑު ހަލާކުވެއްޖެއެވެ.
މި އަނިޔާގެ ސަބަބުން އޭނާ އަށް މިއަދުގެ ފައިނަލް މެޗުގައި ކުޅެވޭނެ ކަމުގެ މާބޮޑު ޔަގީންކަމެއް ނެތެވެ.
އުމުރުން މިހާރު 33 އަހަރުގެ ހެންރީއަކީ މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިޔާ އެވެ. އޭނާގެ ކަނާތު ކޮނޑަށް ތަދުވީ މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ދެކުނު އެފްރިކާގެ ކުޅުންތެރިއަކު ޖެހި ބޯޅައެއް ހިފަން އުޅުމުގެ ތެރޭގަ އެވެ.
ނިއުޒީލޭންޑްގެ ކޯޗު ގަރީ ބުނީ އޭނާ މިހާރު އިންތިޒާރު ކުރަމުންދަނީ އެންމެ ފަހުގެ ސްކޭންތަކުގެ ނަތީޖާ އަށް ކަމަށެވެ.
ހެންރީ ވަނީ މުބާރާތުގައި މިހާތަނަށް 10 ވިކެޓް ނަގައިފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރަނީ އަށް ވިކެޓް ނަގާފައިވާ އިންޑިޔާގެ މުހައްމަދު ޝާމީ އެވެ.
ހެންރީ އަށް ނުކުޅެވޭނަމަ އޭނާގެ ބަދަލުގައި ކުޅެން ނެރޭނެ ކަމަށް ބެލެވެނީ ބުރަކި އުކުންތެރިޔާ ޖަކޮބް ޑަފީ އާއި ބާރު އުކުންތެރިޔާ އަދި އޯލް ރައުންޑަރު ނަތަން ސްމިތެވެ.
ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ޕާކިސްތާނުގައި ފެށި މުބާރާތެކެވެ. އަށް ގައުމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު މުބާރާތުގެ ފައިނަލަށް އިންޑިޔާ ދަތުރު ކުރީ ސެމީ ފައިނަލުގައި އޮސްޓްރޭލިޔާ ބަލިކޮށްފަ އެވެ. ނިއުޒީލޭންޑް ފައިނަލަށް އައީ ދެކުނު އެފްރިކާ ބަލިކޮށްފަ އެވެ.
މި މުބާރާތުން އެންމެ ފުރަތަމަ ކެޓީ މުބާރާތް ބާއްވާ ގައުމު ޕާކިސްތާނެވެ. އެ ގައުމުގައި މުބާރާތް ބޭއްވި ނަމަވެސް ފައިނަލް މެޗު ކުޅޭނީ ދުބާއީގަ އެވެ. ސަބަބަކީ އެއްކޮޅުން އިންޑިޔާ ފައިނަލްގައި ކުޅޭތީ އެވެ. އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ނިންމާފައިވަނީ މި މުބާރާތުގައި އިންޑިޔާގެ ހުރިހާ މެޗެއް ވެސް ދުބާއީ އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ކުޅުމަށެވެ. އެއީ ސިޔާސީ ވާދަވެރިކަމުގައި އިންޑިޔާ ސަރުކާރުން އެ ގައުމުގެ ޓީމު ޕާކިސްތާނަށް ނުފޮނުވަން ނިންމުމުންނެވެ.
މިކަމާހެދި މުބާރާތުގައި ކުޅޭ އެހެން ޓީމުތަކުގެ އެންމެ ބޮޑު ޝަކުވާ އަކީ އެއް ސްޓޭޑިއަމެއްގައި އިންޑިޔާގެ ހުރިހާ މެޗެއް ކުޅެން ޖެހުމުން އެ ގައުމަށް ވަރަށް ބޮޑު އެޑްވާންޓޭޖްތަކެއް ލިބެމުން އަންނަ ވާހަކަ އެވެ. އެއީ ދަތުރު ކުރަން ނުޖެހި ގިނަ ވަގުތު އަރާމު ކުރަން ފުރުސަތު ލިބި އެއް ހޮޓަލެއްގައި ތިބުމުގެ ފުރުސަތު އިންޑިޔާ ޓީމަށް ތަނަވަސްވެފައިވާ ކަމަށްބުނެ އެވެ.
ދުބާއީގައި ކުޅޭ ފައިނަލް މެޗުގައި ޕާކިސްތާނުގެ ކްރިކެޓް ބޯޑް ތަމްސީލު ކުރުމަށް ދެ އޮފިޝަލަކު ފޮނުވަން ވަނީ ނިންމާފަ އެވެ.