އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ލިވަޕޫލް ހަމަޖެހިލައިފިއެވެ.
މި މެޗުން ލިވަޕޫލް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން 70 ޕޮއިންޓާއެކު ތާޥަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އަށް 27 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އަށް ލިބިފައިވާ 47 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ކޯޗު އާން ސްލޮޓް އާއި އެސިސްޓެންޓް ކޯޗު ސަސްޕެންޑް ކޮށްފައިވާތީ އެ ދެމީހުންވެސް ތިބީ ސަޕޯޓަރުންގެ ތެރޭގައި މެޗު ބެލުމަށެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އާއި ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗަށްފަހު ރޭގެ މެޗުގައި އެ ޓީމަށް ވަނީ އަސްލު ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައި ސައުތެމްޓަންގެ ވިލް ސްމޯލްބޯން ވަނީ ލަނޑެއް ޖަހާ ލިވަޕޫލް ސިއްސުވާލާފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވެންޑައިކް ކީޕަރު އެލިސަންއަށް ދޫކޮށްލައިގެން ހުރި ބޯޅައެއް އޭނާއަށް ލިބުމުގެ ކުރިން ސްމޯލްބޯލް އަތުލާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފަށް ލިވަޕޫލް އިން ނިކުތްއިރު އެ ޓީމުން ވަނީ ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ސޮބޮޒްލާއި އާއި ކާޓިސް ޖޯންސްގެ އިތުރުން ސިމިކަސްގެ ބަދަލުގައި އެލެކްސިސް މެކަލިސްޓާ އާއި އެލިއޮޓްގެ އިތުރުން އެންޑީ ރޮބަޓްސަން ވަނީ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއިއެކު ލިވަޕޫލްގެ ކުޅުން ވަނީ އިތުރަށް ރަގަޅުވެފަ އެވެ.
ލިވަޕޫލް އިން ވަނީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލުއިސް ޑިއާޒްގެ އެސިސްޓަކުން ޑާވިން ނޫނޭޒް އެވެ.
އަދި އޭގެ ތިން މިނިޓު ފަހުން ސައުތެމްޓަންގެ ސްމޯލްބޯލް އޭރިޔާ ތެރެއިން ޑާވިން ނޫނޭޒް އަށް ފައުލް ކުރުމާއި ގުޅިގެން ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލް އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ތިންވަނަ ލަނޑަކީވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ސަލާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 27 ވަނަ ލަނޑެވެ.
މި މެޗުގައި ސައުތެމްޓަންގެ ހުރިހާ ބަދަލެއް ބޭނުންކޮށްފައިވަނިކޮށް އެ ޓީމުގެ ކެޕްޓަނަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އޭނާ ބަދަލުކުރަން މަޖުބޫރުވެ ރެފްރީ ވަނީ ގަވާއިދުގައި ބުނާ ގޮތަށް ދެ ޓީމަށްވެސް އިތުރު ބަދަލެއް ގެންނަން ފުރުސަތު ދީފަ އެވެ.
މި މެޗުން ސައުތެމްޓަން ބަލިވެފައިވާއިރު ލީގުގައި މިހާތަނަށް އެ ޓީމުން 28 މެޗު ކުޅެފައިވާއިރު ލިބިފައިވަނީ އެންމެ 9 ޕޮއިންޓެވެ. މިއީ ޕްރިމިއާ ލީގުގައި 28 މެޗުން މިހާތަނަށް އެންމެ މަދުން ޓީމަކަށް ޕޮއިންޓް ހޯދިފައިވާ ފަހަރެވެ.