ފްރާންސްގެ ފިރިހެނުންގެ ލީގުގައި މި ހަފުތާގައި ކުޅޭ މެޗުތަކުގެ ބޯޅަ އާއި ކުޅުންތެރިންގެ ޖާޒީ ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ އަންހެނުންގެ ދުވަހަށް ޚާއްސަކޮށްފިއެވެ.
މި ގޮތުން ލީގުގައި ކުޅޭ ޓީމުގެ ތަކުގެ ކުޅުންތެރިންގެ ޖާޒީގައި ކުޅުންތެރިންގެ ނަމުގެ ބަދަލުގައި ޖަހާފައިވަނީ އަންހެނުންގެ ދުވަހަށް ހާއްސަކޮށްފައިވާ ޝިއާރު ވު މަން "WO=MAN" އެވެ.
މީގެ އިތުރުން މި ޝއާރު ވަނީ މެޗު ބޯޅައިގައި ވެސް ޖަހައިފަ އެވެ. އަދި އަންހެނުންގެ ދުވަހާ ގުޅޭ ހާއްސަ މެސެޖް ދިނުމާއި ހޭލުންތެރިކުރުވުމުގެ ކެމްޕޭން މެޗުގެ އިންޓަވަލް ގަޑީގައި ބްރޯޑްކާސްޓަރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން ގޮތުން ދަނޑުގައި ބަހައްޓާފައިވާ އިސްތިހާރު ބޯޑުތަކުގަ އިންޓަވަލް ގަޑީގައި ހާއްސަ މެސެޖްތައް ދައްކާލަން ބަހައްޓާނެ އެވެ. އަދި މެޗު ކުޅެމުންދާއިރު އަންހެނުންގެ ދުވަހުގެ ޝިއާރު އިސްތިހާރު ބޯޑުތަކުގައި ފެންނަ ގޮތަށް ބަހައްޓާނެ އެވެ.
ފްރާންސް ލީގުން ބުނީ މި ހަފުތާގެ މެޗުތަކަށް ފަހު މެޗު ކުޅުނު ބޯޅަތަކާއި ޖާޒީތައް ނީލަމުގައި ވިއްކާލުމަށްފަހު ލިބޭ ފައިސާގެ ތިން ބައިކުޅަ އެއްބައި އަންހެނުންގެ ހަރަކާތްތަކަށް ހާއްސަ ކުރާނެ ކަމަށެވެ.
ފްރާންސް ލީގުގެ މި ހަރަކާތްތައް ފެށުން އޮތީ މޮނާކޯ އާއި ޓުލޫސް ބައްދަލުކޮށް އެއްވަރު މެޗާއެކުގަ އެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ފްރާންސްގެ ކުޅިވަރާ ބެހޭ މިނިސްޓަރު މެރީ ބާސަކް ވަނީ ދަނޑަށް ވަޑައިގެން ޖާޒީ އިވެންޓްގައި ބައިވެރިވަޑައިގެންފަ އެވެ.
"މިއީ ވަރަށް ރަނގަޅު ކަމެއް އަންހެން ސަޕޯޓަރުން ދަނޑަށް އައުމަށް ވެސް ދެވޭ ހިތްވަރެއް. އަހަރުމެން ބޭނުންވަނީ އަންހެނުންނާއި ފިރިހެނުން ވެސް ސްޓޭޑިއަމް ތަކުގައި ގަވާއިދުން މެޗުބަލަން ތިބުން،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގައި މިއަދު ފާހަގަ ކުރަމުންދާ އަންހެނުންގެ ދުވަހާ ގުޅިގެން ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުން އިންތިޒާމްކުރި މި ހަރަކާތްތައް އެ ގައުމުގެ އަންހެނުންގެ ލީގުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފަ އެވެ.