ގިނަ އަހަރުތަކަކަށްފަހު "އައްނޫރުލް މުބީން" ބައިނަލްއަގުވާމީ ޤުރްޢާން މުބާރާތް މިއަހަރު ބާއްވަން ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމުން ނިންމައިފިއެވެ. ޓީވީއެމްގެ މި ވަގުތު ޕްރޮގްރާމްގައި މިކަން ހާމާކޮށްފައިވަނީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޙީމް ނަސްރީންއެވެ.
ޕީއެސްއެމްގެ އެމްޑީ ނަސްރީން ވިދާޅުވީ މުޅި އަހަރަށް ރައްޔިތުނަށް ބޭނުންވާ މައުލޫމާތު ފެތުރުމަށް، ޚާއްސަކޮށް ރޯދަ މަހު ރައްޔިތުން ޝައުޤުވެރިވާ ގިނަ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ތަފާތު އެތައް ޕްރޮގްރާމެއް މުޅި އަހަރަށް ބަހާލައިގެން ޕީއެސްއެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ގެނެސްދޭނެކަމަށެވެ. ޚާއްސަކޮށް ރޯދަމަހުގެ ކޮންޓެންޓުތައް ބައްޓަންކޮށްފައިވާނީ ދީނީ ކަންކަމަށް އިސްކަންދީގެންކަމަށް ނަސްރީން ވިދާޅުވިއެވެ. އަދި ދީނީ ކަންކަމަށް މީހުން އަހުލުވެރި ކުރުވުމަށް ޚާއްސަ އިސްކަމެއް ދެވިފައިވާނެކަމަށް އެމްޑީ ނަސްރީން ވިދާޅުވިއެވެ.
މި އަހަރު އެންމެ ޚާއްސަ ޕްރޮގްރާމްއެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއް ގެނެސްދިނުމަށް މަސައްކަތްކުރަމުން ގެންދާކަން ފާގަގަކުރައްވަމުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އެފަދަ ޕްރޮގްރާމް ޕީއެސްއެމްއިން 2018ވަނަ އަހަރުވެސް ގެނެސްދިންކަމަށެވެ. ކޮންމެ ޤައުމަކުންވެސް ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދިވެހިރާއްޖެ ހިމެނޭހެން ނިސްބަތުން ގިނަ ގައުމުތަކުން ބައިވެރިވިކަން ނަސްރީން ފާހަގަކުރެއްވިއެވެ.
އަހަރުތަކެއްގެ މެދު ކެނޑުމައްފަހު މި އަހަރު ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް "އައްނޫރުލް މުބީން" ޤުރްއާން މުބާރާތް ބާއްވަން ނިންމާފައިވާއިރު، އުންމީދަކީ ކުރީ ފަހަރަށްވުރެ ފެންވަރު ރަނގަޅަށް ޕްރޮގްރާމް މިއަހަރު ކުރިއަށްގެންދިއުންކަމަށް ޕީއެސްއެމްގެ އެމްޑީ ވިދާޅުވިއެވެ. އެގޮތުން ކުރީފަހަރަށްވުރެ ގިނަ ޤައުމުތަކުން އަދި ގިނަ ބައިވެރިން މިއަހަރުގެ މުބާރާތުގައި ބައިވެރިކުރުވުމަކީ އަމާޒެއްކަމަށާއި ޚާއްސަކޮށް އަވައްޓެރި ޤައުމުތަކާއި މުސްލިމު ޤައުމުތަކަށް އިސްކަން ދެއްވާނެކަމަށް ޕީއެސްއެމުން ބުނެއެވެ. މި މުބާރާތުގެ ޖަޖުންނަށް މިފަހަރުވެސް ތިއްބަވާނީ ބޭރުގެ ތަޖުރިބާކާރު ބޭފުޅުންނެވެ.
މި މުބާރާތް ނުބޭއްވި ދިގު މުއްދަތެއް ދިޔަނަމަވެސް، މިއަހަރު ޕްރޮގްރާމް ކުރިއަށްގެންދާއިރު ޚާއްސަ ކަންތައްތަކެއް ފެނިގެންދާނެކަމަށާއި މިއީ އެންމެ ފެންވަރު ރަނގަޅު އަދި އެންމެ ބޮޑު އިނާމު ހުށަހަޅާ މުބާރާތައް ވެގެންދާނެކަމަށް ޕީއެސްއެންގެ މެނޭޖިނަގ ޑިރެކްޓަރ ވިދާޅުވިއެވެ.
"އިންޓަރނޭޝަނަލް ޤުރުއާން މުބާރާތް ވެގެންދާނީ ޕީއެސްމްއިން މި އަހަރު ބާއްވާ ބޮޑު ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑު އިނާމެއް އަޅުގަނޑުމެން ހުށައަޅާ ޕްރޮގްރާމުގެ ގޮތުގައި. އެހެންވީމާ އިންޓަރނޭޝަނަލް ގުރުއާން މުބާރާތް ވެގެން ދާނީ ޕީއެސްއެމްގެވެސް ބޮޑު ޕްރޮގްރާމްއަކަށް އަދި ގައުމުގެވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ބާއްވާ ޕްރޮގްރާމަށް" ޕީއެސްއެމްގެ އެމްޑީ، ނަސްރީން ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާމެދު ދިވެހިންގެ މެދުގައި ލޯބި އިތުރުކޮށް ރީތި ރާގުތަކާއި ތަޖުވީދާ އެއްގޮތަށް ކިޔެވުމަށް ބާރުއެޅުމުގެ ގޮތުން ޕީއެސްއެމްއިން ބާއްވާ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތެއްކަމަށްްްވާ، "އައްނޫރުލް މުބީން" ޤުރުއާން މުބާރަތް އިފްތިތާޙުކުރީ މިދިޔަ ފެބްރުއަރީ މަހުގެތެރޭގައެވެ. އެންމެ ފަހުން ހުރިހާ ޤައުމަކަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތް ބާއްވާފައިވަނީ 2018ވަނަ އަހަރުއެވެ. އެ ފަހަރު ރާއްޖެ ހިމެނޭހެން 11 ޤައުމަކުން މި މުބާރާތުގައި ބައިވެރިވިއެވެ.
އިސްލާމިކް މިނިސްޓްރީއާއި، ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެން އެފަހަރު މުބާރާތް ގެނެސްދިންއިރު، މިފަހަރުވެސް މުބާރާތް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރާއާއި އެކި ޕާޓްނަރުންނާއި މަޝްވަރާ ކުރެވި ޕްލޭންތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޕީއެސްއެމުން މަސައްކަތްކުރަނީ ރަމަޟާން މަހުގެ ނިޔަލަށް ޕްލޭނިންގެ ކަންކަން ނިންމާލުމެވެ.
މި ޤުރުއާން މުބާރާތަކީ އިސްލާމީ ޤައުމުތަކުގެ ގުޅުން ވަރުގަދަކޮށް ތަޖުވީދުގެ ހަމަތަކައް ވާދަވެރިކަމާއެކު ޤުރުއާން ކިޔެވުމުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި މުބާރާތެކެވެ. 2018ވަނަ އަހަރު "އައްނޫރުލް މުބީން" މުބާރާޓުގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ކުވެއިތުގެ ޢަބްދުﷲ މުޙައްމަދު ކާޘިމް މުޙައްމަދު ކާޘިމް އަލް ޚައްޔާތު އެވެ. ދެވަނަ ހޯދީ ތުރުކީގެ ބައިވެރިޔާ ހޯދިއިރު، މުބާރާތުގެ ތިންވަނަ ހާސިލްކުރީ ރާއްޖެއިން ބައިވެރިވި މ. ވޭވަށު، ފެހިފަރުދާގޭ އަޝްރަޤު ނާޒިރުއެވެ.