އާސެނަލްގެ ކޯޗުކަމާ މިކޭލް އާޓެޓާ ހަވާލުވިއިރު އޭނާއަށް އެ ކުލަބުން ވަގުތު ދިން ގޮތަށް މެންޗެސްޓާ ޔުނައިޓެޑުން އޭނާއަށް ވަގުތު ނުދޭނެ ކަމަށް ރުބެން އަމޮރިމް ބުނެފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އާއި ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަމޮރިމް ބުނެފައިވަނީ އާސެނަލް އަކީ ތަފާތު ކްލަބެއް ކަމަށާއި އެ ކްލަބުން އެކަމުގެ ސަބަބުން އާޓޭޓާ ވަނީ އެ ކްލަބަށް ބަދަލުތަކެއް ގެނެސްފައި ކަމަށެވެ.
"އާސެނަލް އިން ވަގުތު ދިން ގޮތަށް އަހަރެންނަށް މެންޗެސްޓަރ ޔުނައިޓެޑްއިން ވަގުތެއް ނުދޭނެ. އެއީ ތަފާތު ކްލަބެއް އަދި އޭގެ ސަބަބުން އާޓޭޓާ ވަނީ ދަތި އުނދަގޫ ކަންތައްތަކަކަށްފަހު އެ ކްލަބަށް ބޮޑު ބަދަލުތަކެއް ގެނެސްފަ." އަމޮރިމް ބުންޏެވެ.
"އެ ހުރިހާ ކަންތައްތަކަކާއި ކުރިމަތިލުމަށްފަހު އާޓޭޓާ ވަނީ ލީގަށް ވާދަކުރެވޭ ހާލަތަށް ކްލަބް ގެންގޮސްފައި. އަދި އެކަމުގެ ސަބަބުން އަހަރެން އޭނާއަށް ފުރިހަމައަށް އިހުތިރާމް ކުރަން." އަމޮރިމް އިތުރަށް ބުންޏެވެ.
2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު އާޓޭޓާ އާސެނަލްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ އުނެއި އެމެރީ ގެ ބަދަލުގައެވެ. އަދި ޖެހިގެން އައި 2020 ވަނަ އަހަރު އޭނާ ވަނީ އިނގިރޭސި އެފްއޭ ކަޕް އާސެނަލްއަށް ކާމިޔާބުކޮށްދީފަ އެވެ.
އާސެނަލްއާ ދެކޮޅަށް މާދަމާ ޔުނައިޓެޑް ނިކުންނައިރު އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން މި މެޗުގައި ކުޅެވޭނެކަމަށް ކިރިޔާވެސް އުންމީދެއް އޮތީ އަމަދް ޑިއާލޯއަށް ކަމަށާއި ނަމަވެސް އަދި އެކަންވެސް ފައިނަލް ނުވާ ކަމަށް އަމޮރިމް ވަނީ ބުނެފައެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް މެންޗެސްޓަރ ޔުނައިޓެޑަށް ހޯދިފައިނުވާއިރު މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލް އިން ވަނީ ޕީއެސްވީ އެއިންދޯވެން އަތުން -1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.