ޚަބަރު

ޑރ. އިރުތިޝާމް އާދަމްގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސަށް އަރުވައިފި


  • ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފްރާންސްގެ ރިޔާސީ ގަނޑުވަރުގައި

ދިވެހިރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓް ސަފީރު ޑރ.އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަށް އަރުވައިފިއެވެ.

ދިވެހިރާއްޖެއިން ފްރާންސަށް ކަނޑައަޅުއްވާފައިވާ ނަން ރެސިޑެންޓް ސަފީރު ޑރ.އިރުތިޝާމް އާދަމްއަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސްމެއެވެ.

ޑރ.އިރުތިޝާމް އާދަމްގެ ސަފީރުކަމުގެ ފަތްކޮޅު ފްރާންސްގެ ރައީސަށް އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޑރ.އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ދިވެހި ސަރުކާރާއި ދިވެހިން ރައްޔިތުންގެ ފަރާތުން ފްރާންސްގެ ރައީސާއި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ހާއްސަ ގޮތެއްގައި ވިޔަފާރި އާއި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށް ހާރިޖިއްޔާއިން ވިދާޅުވެއެވެ.