ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މުޖްތަމަޢު ފަސާދަކުރަން އުޅޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ: ގާސިމް


  • އޮންލައިން ނޫހެއްގައި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުން ގާސިމް ވަނީ ކުއްވެރިކުރައްވާފައި

ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން މުޖްތަމަޢު ފަސާދަކުރަން އުޅޭ ފަރާތްތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށް ޖުމްހުރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އޮންލައިން ނޫހެއްގައި އެމަނިކުފާނާއި ގުޅޭގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ޝާއިއުކުރުމާއި ގުޅިގެނެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ރިސޯޓެއްކަމުގައިވާ ރޯޔަލް އައިލެންޑްގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ބައްދަލުކުރައްވައި، "ސުޕްރީމް ކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން ނަމުގައި" ނަމުގައި އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި އެ ފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އެނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި ތަކުރާރު ކޮށް އެފަދަ އަމަލުތައް ހިންގާ މީހުންކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނާއި އަދި ސިޔާސީ ބޭފުޅުންތަކެއް ރޯޔަލް އައިލެންޑްގައި ބައްދަލުކުރިކަމަށް ބުނެ ވާހަކަ ފަތުރަމުން ދާއިރު، އެމަނިކުފާނު ރޯޔަލް އައިލެންޑަށް ވަޑައިނުގަންނަވާތާ 3 އަހަރުވެއްޖެކަމަށެވެ.

"މި އާޓިކަލްގައި ހަޤީޤަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ( މަޖިލިސް ނައިބު ރައީސް ) ވަޑައިގެން އަޅުގަނޑާއި ، އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުމެވެ. އަޅުގަނޑުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް އަޅުގަނޑު ރޯޔަލް އައިލެންޑް އަށް ނުދާތާވެސް މިހާރު 3 އަހަރު ވެދާނެއެވެ. އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑް އަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގައި" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނާއި ސިޔާސީ ބައެއް ބޭފުޅުންނާއި ގުޅުވައިގެން ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުން ދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާކަމަށެވެ. އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް ކަމަށް ދެކި، މިފަދަ ޢަމަލު ތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ..