ދުޢާއަކީ މާތްﷲ އެންމެ ލޯބިވޮޑިގަންނަވާ ސިފަކަމަށާއި، ދުޢާކުރުންމަތީ ދެމިތިބުމުން ލިބެނީ ކެތްތެރިކަމުގެ ރިވެތި ފިލާވަޅުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މި ރަމަޟާން މަހަށް ޙާއްސަކޮށް ޕީއެންސީން ފަށާފައިވާ ސިލްސިލާ ދަރުސް ޕްރޮގްރާމްގެ ފުރަތަމަ ޕްރޮގްރާމްގައި ދެއްވި ދަރުހުގައެވެ.
މި ދަރުހުގައި ވަޒީރު ޑރ.ޝަހީމް ވަނީ މި މައްސަރުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާއި ދުޢާކުރުމުގެ މާތްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޑރ.ޝަހީމް ވިދާޅުވީ އިންސާނާގެ ހިތަކީ އެއް ހާލަތުން އަނެއް ޙާލަތަށް ފަސޭހައިން ޝުޢޫރުތައް ބަދަލުކޮށްލާ އެއްޗެއްކަމަށެވެ. އަދި މާތް ﷲއަށް ކިޔަމަންވެގަތުމާއި، މާތް ﷲ ލޯބިވޮޑިގެންވާ ގޮތުގައި އިންސާނާގެ ހިތް ލެއްވުމަށް އެދި އަބަދުމެ ދުޢާކުރުންމަތީ ދެމިތިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާތްﷲ ހަނދުމަކޮށް ދުޢާކުރުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ސިފަކަމަށެވެ. އަދި އެއީ ވަރަށް މުހިންމު އަޅުކަމެއްކަމަށާއި ދުޢާކުރުންމަތީ ދެމިތިބުމުން ލިބެނީ ކެތްތެރިކަމުގެ ރިވެތި ފިލާވަޅުކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
"މުސީބާތުގެ ވަގުތުގައި ކޮންމެ މުޢުމިނަކު މުސީބާތުން ސަލާމަތްކުރައްވާނީ ދުޢާގެ ޢަމަލުގެ ސަބަބުން. އިޚްލާސްތެރިކަމާއެކު ކޮށްފިނަމަ، ކޮންމެ މުޢުމިނެއްގެ ދުޢާ އިޖާބަކުރައްވާނެ. ކީރިތި ޤުރުއާނުގައި ރޯދަޔާ ގުޅުންހުރި އާޔަތްތަކުގައި އެކަން ބަޔާންކުރައްވާފައިވޭ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މައިން ބަފައިން ދަރިންނަށްކުރާ ދުޢާ އަދި ދަރިން މައިންބަފައިންނަށް ކުރާ ދުޢާ، އިޚްލާސްތެރިކަމާއެކު ކޮށްފިނަމަ އިޖާބަ ނުކުރައްވާ ނުދާނެކަމަށެވެ. އަދި އެންމެ މާތް ދުޢާއަކީ އެންމެ މަތީ ދަރަޖައަށް ނުވަތަ ޖަންނަތުލް ފުރުދައުސްއަށް އެދި ކުރާ ދުޢާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ދުޢާއާއި ތަޢުބާ ޤަބޫލުކުރެއްވުމުގެ ހެއްކަކީ، ދުޢާއާއި އިސްޠިޤުފާރަށްފަހު، އެމީހާ ހެޔޮގޮތުގައި އުޅުމަށް ހިތް ޖެއްސެވުން. އެއީ ރަޙުމަތުގެ އަލާމާތެއް." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ.
ޕީއެންސީން ބާއްވާ ސިލްސިލާ ދަރުސްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އިންތިޒާމްކުރާ ހަރަކާތެކެވެ. މި ދަރުސް އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ، 21:30ގައެވެ.