ނިމިދިޔަ 2024 ވަނަ އަހަރު މާލީ ހިސާބުތަކަށް ބަލާއިރު އެންމެ އަގުބޮޑު ސްކޮޑެއް އޮތީ ޗެލްސީގައި ކަމަށް ޔުއެފާއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ, ޔުއެފާއިން ނެރުނު "ޔޫރަޕިއަން ކުލަބު ފައިނޭންސް އެންޑް އިންވެސްޓްމެންޓް ލޭންޑްސްކޭޕް" ރިޕޯޓުގައި ބުނެފައިވަނީ ކުޅުންތެރިން ހޯދުމަށް ޗެލްސީން 1.656 ބިލިޔަން ޔޫރޯ ހޭދަކޮށްފައިވާ ކަމަށެވެ.
ޗެލްސީން މިދިޔަ އަހަރު ގިނަ ކުޅުންތެރިންތަކެއް ހޯދާފައިވާއިރު، މީގެ ކުރިން ޔޫރަޕުގައި ކުޅުންތެރިން ހޯދުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ސްޕެއިންގެ ރެއާލް މެޑްރިޑުންނެވެ. އެގޮތުން 2023 ވަނަ އަހަރު ޔުނައިޓެޑުން 1.42 ބިލިޔަން ޔޫރޯ ޚަރަދުކޮށްފައިވާއިރު، 2020 ވަނަ އަހަރު ރެއާލް މެޑްރިޑުން ވަނީ 1.33 ބިލިޔަން ޔޫރޯ ޚަރަދުކޮށްފައެވެ.
ރަޝިޔާގެ މަހުޖަން ރޯމަން އަބްރަމޮވިޗް 2022 ވަނަ އަހަރު ޗެލްސީ ވިއްކާލުމާއެކު، އެ ކުލަބާއި އަލަށް ހަވާލުވި ޓޮޑް ބޮއެލީ ވަނީ މިހާތަނަށް 41 ކުޅުންތެރިއަކު ގަނެފައެވެ. ނަމަވެސް އެ ކްލަބަށް މިދިޔަ ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު، އިނގިރޭސި ޕްރިމިއަރ ލީގު ނިންމާލާފައިވަނީ ތާވަލުގެ ހަވަނައިގައެވެ.
ޔުއެފާއިން ނެރުނު ރިޕޯޓުގައި ޔޫރަޕްގެ މަޝްހޫރު ހުރިހާ ލީގުތަކެއްގެ ވަރަށް ތަފްސީލީ މައުލޫމާތުތަކެއް ހިމަނާފައިވާއިރު، މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ 1.073 ބިލިޔަން ޔޫރޯ ލިބިފައިވާ ރެއާލް މެޑްރިޑަށެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 854 މިލިޔަން ޔޫރޯ ލިބިފައިވާއިރު، ފްރާންސްގެ ޕީއެސްޖީއަށް ލިބިފައިވަނީ 808 މިލިޔަން ޔޫރޯ އެވެ. އަދި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 771 މިލިޔަން ޔޫރޯ ލިބުނުއިރު، ފަސްވަނައިގައި އޮތް ބަޔާން މިއުނިކަށް ލިބިފައިވަނީ 765 މިލިޔަން ޔޫރޯއެވެ.
ޔޫރަޕްގެ ކުލަބުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު 20 ޓީމުގެ ތެރޭގައި ޕްރިމިއަރ ލީގުގެ 9 ކުލަބު ހިމެނެއެވެ. އެގޮތުން އިނގިރޭސި ކުލަބުތަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.1 ބިލިޔަން ޔޫރޯ ވަނީ ލިބިފައެވެ.