އިނގިރޭސި އެފްއޭ ކަޕުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި މިލްވޯލްގެ ގޯލްކީޕަރު ލިއާމް ރޮބަރޓްސް ކުރި ފައުލާ ގުޅިގެން އޭނާ ފުރަތަމަ ތިން މެޗަށް ސަސްޕެންޑް ކުރި ނަމަވެސް، އެ އަދަދު ހަ މެޗަށް އިތުރުކޮށްފިއެވެ.
ކްރިސްޓަލް ޕެލަސްގެ ފޯވަޑް މަޓޭޓާއަށް ރޮބަރޓްސް ކުރި ފައުލާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާފަ އެވެ. އަދި މަޓޭޓާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް މޫނުން ފަޅައިގެން ގޮސްފައިވާތަން ފެހުމަށް 25 ސްޓިޗް ޖަހާފައިވާކަމަށް ކްރިސްޓަލް ޕެލަސް އިން ވަނީ ބުނެފަ އެވެ.
ރޮބަރޓްސް ކުރި ފައުލާއި ގުޅިގެން ފުރަތަމަ އޭނާ ތިން މެޗަށް ސަސްޕެންޑް ކުރި ނަމަވެސް އެ މައްސަލަ އަލުން އިނގިރޭސި އެފްއޭ އިން ބެލުމަށްފަހު އޭނާގެ ސަސްޕެންޝަން ވަނީ ހަ މެޗަށް އިތުރުކޮށްފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ލިއާމް ރޮބަރޓްސް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ އާއި ގުޅިގެން އޭނާ އެކަމަށް މައާފަށް އެދޭ ކަމަށާއި އެއީ ހިނގާދިޔަ އެކްސިޑެންޓެއް ކަމަށެވެ. އަދި ފުރުސަތު ލިބުނުހާ އަވަހަކަށް މަޓޭޓާ އާއި ބައްދަލުކޮށް މައާފަށް އެދޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
"އަހަރެން ދުވަހަކުވެސް މެޗަކަށް ނުނިކުންނަށް އެއްވެސް ކުޅުންތެރިއަކަށް ގެއްލުމެއް ދޭކަށް. އެއީ ހިނގާދިޔަ އެކްސިޑެންޓެއް އަދި އެކަމާ އަހަރެން މައާފަށް އެދެން." ރޮބަރޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.
ރޮބަރޓްސް އިތުރަށް ބުނެފައިވަނީ މި ހާދިސާ އާއި ގުޅޭ ގޮތުން ބައެއް މީޑިޔާތަކުން މާނަ އޮޅޭ ގޮތަށް ހަގީގަތާއި ޚިލާފަށް ގެނެސްދީފައިވާ ހަބަރުތަކާއި ގުޅިގެން އޭނާ އާއި އޭނާގެ އާއިލާއަށް ބިރުވެރިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.