ވިޔަފާރި

ރާއްޖެއިން ތެޔޮ ނެގުމާގުޅޭ އިތުރު ސަރވޭތަކެއް ކުރިއަށް


ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ރާއްޖޭގައި ހިނގަމުންދާ އިޤްތިޞާދީ މަސައްކަތްތައް އެހެން ލެވެލަކަށް ގެންގޮސް ދުވަހަކުވެސް ރާއްޖެ ނުދެކޭފަދަ ފުދިފައި އޮތް އިޤްތިޞާދެއް ރާއްޖޭގައި ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުން ފެއްޓެވި އެއް ޕްރޮޖެކްޓަކީ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތެވެ. މި މަސައްކަތް ކުރުމައްޓަކައި ސަރުކާރުންވަނީ ޖަރުމަނުގެ ހެމްބަރގް ޔުނިވާސިޓީގެ އެހީގައި  ދިރާސާއެއްކުރައްވާފައެވެ. މި ދިރާސާދައްކާގޮތުން ތެޔޮ ހުންނަ ސަރަހައްދުގައި އުފެދޭ ކަަހަލަ ކޯލްޑް ވޯޓާ ކޮރަލްސް ރާއްޖެއިންވަނީ ފެނިފައެވެ. މި މުރަކަތައް ފެނިފައި ވަނީ މާލޭ އެނބޫދޫ ފަރާއި ތ. އަތޮޅުގެ ސަރަހައްދަކުންނެވެ. މީގެ އިތުރުން 'ކޮންޓިނެންޓަލް ކްރަސްޓެއް' ވެސް ރާއްޖޭގެ ކަނޑުގެ އަޑިން ފެނިފައިވާ ކަމަށާއި އެއީ ވެސް ރާއްޖޭގައި ތެޔޮ ހުރި ކަމުގެ ނިޝާނެއް ކަމަށް ޖަރުމަނުގެ ހެމްބާގް ޔުނިވާސިޓީ ދިރާސާގައިވަނީ ބަޔާންކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14679109458074.jpg|ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ސާވޭ ކުރުމަށް އައި ބޯޓުން ނަގާފައިވާ ސާމްޕަލްތަކެއް މިނިސްޓަރ ޝައިނީ ބައްލަވާލައްވަނީ: ފައިލް ފޮޓޯ:- ފިޝަރީޒް މިނިސްޓަރ

ރާއްޖޭގައި ތެޔޮ ހުރިކަން ޔަގީންވިނަމަވެސް ތެޔޮ ނެގުމަށާއި އަދި ތެޔޮ ނައިގައިގެން ދެން ކުރަންޖެހޭ މަަސައްކަތްތައް ކުރުމަށްޓަކައި ސާވޭތަކެއް ހަދަންޖެހޭކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. އެގޮތުން އެންމެ ރަނގަޅު ރިޒާވެއް ހުރީ ރާއްޖޭގެ ކޮން ސަރަހައްދެއްގައިތޯ ބެލުމާއި ހުރީ ކޮންބާތެއްގެ ތެލެއްތޯ ޔަޤީންކޮށް ހުރި ޢަދަދެއް ޔަޤީންކުރަންޖެހޭކަމަށް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް މިވަގުތައް މި ޕްރޮޖެކްޓްގެ މަސައްކަތް މަޑުޖައްސާލާފައިމިވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ގުޅިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެހެންވީމަ މިކަހަލަ ދުވަސްވަރެއްގައި މީގެ އިންޓްރެސްޓަށް ހުޅުވާލައިފިކަމަށް ވަންޏާމު މިކަމަަށް އެެންމެ އެކަށީގެންވާ ފަރާތްތައް ނާނާނެ. ރާއްޖޭގެ މި ސަރަހައްދަކީ ތިމާވެއްޓަށް ބަލައިފިކަމަށްވަންޏާ ވަރަށް ނާޒުކު ގޮތަކަށް އޮތްތަނެއް، އެހެންވީމައި މިކަމުގައި އެންމެ ރަނގަޅު މީހުން ނުލިބެންޏާ މީގައި ދަތިތަކެއް ދިމާވާނެ" މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14679106709825.jpg|ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ސާވޭ ކުރުމަށް ރާއްޖެއައި ބޯޓު: ފައިލް ފޮޓޯ: ފިޝަރީޒް މިނިސްޓަރ

މިނިސްޓަރ ވިިދާޅުވީ މިހާރު އަނެއްކާވެސް ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު ރަނގަޅުވަމުން އަންނަކަމަށާއި މާކެޓަށް ބަލާ އެންމެ އެކަށީގެންވާ ވަގުތުގައި މިމަސައްކަތް ފައްޓަވާނެކަމަށެވެ. މިހާރުވެސް ގިނަ ބަޔަކު މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

"މިހާރު އަނެއްކާ ތެލުގެ އަގު ހަމަޖެހެމުން އަންނަނީ، މިހާރުވެސް ކޮންޓްރެކްޓަރުންތަކެއް އެެބަތި ސޮއިކުރަން ތައްޔާރަށް، އެކަމަކު ކަމަކަށް ކަމެއް ކުރުމެއް ނޫން މި ސަރުކާރުގެ ބޭނުމަކީ" މިނިސްޓަރ ޑރ.ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ މީގެ އެތައް މިލިއަން އަހަރު ކުރީގައި ރާއްޖޭ ބިމުގައި މީރު ފެނުގެ ކޯރެއް އޮތް ކަމަށް ދިރާސާތަކުން ދައްކާކަމަށެވެ. އެހެންނަމަވެސް މިހާރު އެކޯރު ވަނީ އަޑިއަށް ގޮސްފައެވެ.

ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ހުރި ކަމަށް ބެލެވުނީ ރާއްޖޭގެ ސަރަހައްދުގެ ބިމުގެ އަޑީގައި އެފަދަ މީރު ފެނުގެ ކޯރެއް ހުރިކަން ހާމަވުމުން ކަމަަށް މިނިސްޓަރު ވިދާޅުވިއެވެ. ތެޔޮ އުފެދެން ބޭނުންވާ ބަޔޮލޮޖިކަލް މާއްދާތައް ހިމެނެނީ އެފަދަ ކޯރުތަކުގައި ކަމަށްވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.