ޚަބަރު

އުފާފާޅުކުރުމުގެ ތެރެއިން ނޯޔާއަށް އަނިޔާވެއްޖެ


ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ބަޔާ ލެވަކޫސަންއާ ވާދަކޮށް 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި އުފާފާޅުކުރަން އުޅުމުގެ ތެރޭގައި ބަޔާން މިއުނިކުގެ ގޯލްކީޕަރު މެނުއެލް ނޯޔާގެ ފަޔަށް އަނިޔާވެއްޖެއެވެ.

ނޯޔާގެ ކުޑަކަޅުވާއިން މަސްގަނޑެއް އިރައިގެން ގޮސްފައިވާކަން ބަޔާން މިއުނިކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މެޗުގެ 58 ވަނަ މިނިޓުގެ ތެރޭގައި ނޯޔާއަށް އަނިޔާވުމުގެ ސަބަބުން ވަނީ ދަނޑުން ބާލާފައެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ ނޯޔާވަނީ ޖަމާލް މުސިއާލާގެ ދެވަނަ ގޯލާއިއެކު އުފާފާޅުކުރަން ފަށާފައެވެ.

ނޯޔާގެ އަނިޔާގެ ތަފްސީލާއި ގުޅޭގޮތުން ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނެފަވަނީ މުސިއާލާގެ ގޯލާއި ގުޅިގެން އުފާފާޅުކުރުމުގައި އުޅެނިކޮށް ނޯޔާއަށް އަނިޔާވެފައިވާކަމަށާއި ބުރާސްފަތި ދުވަހު ކުޅުނު މެޗުން އޭނާ ނުފެނުނީ އެހެންވެ ކަމަށެވެ.

ނޯޔާ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ވަކި މުއްދަތެއް ޓީމުން ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ބަޔާންގެ ކުރިއަށް އޮތް 3 މެޗުންވެސް އޭނާ ފެނުމުގެ ފުރުސަތު ކުޑަކަމަށް މީޑިއާތަކުން ބުނެއެވެ. އޭގެ ތެރޭގައި ދެވަނަ ލެގުގައި ލެވަކޫސަން އާއި ވާދަކުރަން ތާވަލުކޮށްފައިވާ މެޗުވެސް ހިމެނެއެވެ.

"މެނުއެލް ނޯޔާގެ ކަނާތު ކުޑަކަޅުވާއިންވަނީ މަސްގަނޑެއް އިރައިގެން ގޮސް އަނިޔާވެފައި. މިހާދިސާ ހިނގީ ބުދަ ދުވަހު ޗެމްޕިއަންސްލީގުގައި ބަޔާލެވަކޫސަންއާއި ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން" ނޯޔާއަށް ލިބުނު އަނިޔާއާއި ގުޅިގެން ބަޔާން މިއުނިކުން ނެރެފައިވާ ބަޔާނުގައި ވެއެވެ. އަދި އެބަޔާނުގައި އިތުރަށް ބުނެފަވަނީ އޭނާއަށް ލިބުނު އަނިޔާ އެފްސީ ބަޔާން މެޑިކަލް ޔުނިޓުން ޔަގީން ކޮށްދީފައިވާކަމަށާއި، އަނިޔާއިން ރަނގަޅުވަންދެން ކުޑަ ދުވަސްކޮޅަކަށް ކުޅުމާއި ދުރަށްދާން ޖެހިފައިވާކަމަށެވެ.

ނޯޔާއަކީ މިފަދަ ގިނަ އަނިޔާތަކަކާއި ކުރިމަތިވަމުން އަންނަ ކުޅުންތެރިއެކެވެ. ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ލެވަކޫސަން އަތުން ޖަރުމަނު ލީގުކަޕުގައި ބަޔާން މިއުނިކް ބަލިވި މެޗުގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާގެ ކުޅުމާއި ދުރުގައި ހުންނަންޖެހުނެވެ. އޭގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ސްކީ ކުރުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އޭނާގެ ފައި ވެސް ބިނދިފައިވެއެވެ.

ނޯޔާއަކީ މި ސީޒަނުގައި އެންމެ މޮޅު ކުޅުމެއް ދައްކަމުންދާ އެއް ގޯލް ކީޕަރެވެ. ގޯލަށް އަމާޒުވާ ބޯޅަތައް މަތަކުރުމުގައި ނޯޔާގެ ހުނަރުވެރިކަން ފެނިގެންދެއެވެ.