ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގައި ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.
ޑެންމާކުގެ ކޯޕަންހޭގަންގައި ކުޅުނު މި މެޗުގެ 62 އިންސައްތަ ޗެލްސީން ޑޮމިނޭޓް ކޮށްފައިވާއިރު އެ ޓީމަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އުފެއްދިފައިވަނީ އެންމެ ދެ ހަމަލައެވެ.
މި މެޗަށް ޗެލްސީ ނިކުތްއިރު އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ޓީމަށް އަށް ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މެޗުގެ ފުރަތަމަ އެގާރައިން އުމުރުން 17 އަހަރުގެ މުއޭކާ އަށް ފުރުސަތު ދީފައިވާއިރު ކޯލް ޕާމާ އާއިއެކު އެޓޭކުގައި ހަރަކާތްތެރިވެފައިވަނީ ޑިއުސްބެރީ ހޯލް އާއި ޖޯޖް އެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ މާލޯ ގުސްޓޯ އަށް އަނިޔާ ވުމާއި ގުޅިގެން މަރެސްކާވަނީ އޭނާގެ ބަދަލުގައި މާކް ކުކުރެޔާ ކުޅެން އަރުވާފަ އެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގައި އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ޗެލްސީއަށް ހަމަލައެއް އުފެއްދިފައިނުވާއިރު ދެވަނަ ހާފަށް ނިކުތްއިރު ކޯޗު މަރެސްކާ ވަނީ ޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން މުއޭކާ އާއި ކައިސޭޑޯގެ އިތުރުން ބަޑިއަޝިލްގެ ބަދަލުގައި ކްރިސްޓޮފާ އެންކުންކޫ އާއި އެންޒޯ ފެނާންޑޭޒްގެ އިތުރުން ލުވިސް ކޮލްވިލް ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ޗެލްސީގެ ރީސް ޖޭމްސް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ކުކުރެޔާ ދިން ބޯޅަ އަކުން އޭރިޔާ ބޭރުން ފޮނުވާލި ބާރު ހަމަލައަކުން ޖޭމްސް ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ޗެލްސީން ލަނޑެއް ޖަހާ ކުރި ހޯދިތާ ގިނައިރުތަކެއް ނުވަނީސް ކޯޕަންހޭގަންގެ ވިކްޓަރ ކްލައެސޮން ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ކީޕަރު ރޮބަޓް ސަންޗޭޒް ވަނީ އެ ބޯޅަ ނަގާފަ އެވެ.
އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒް ވަނީ މެޗުގެ 65 ވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ކޯޕަންހޭގަންއަށް ލަނޑު ޖަހައިދީފައިވަނީ މެޗުގެ 79 ވަނަ މިނިޓުގައި ގެބްރިއަލް ޕެރޭރާ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއް މާކޮސް ލޯޕޭޒް ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ޕެރޭރާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ އަންނަ ބުރާސްފަތި ދުވަހު ލަންޑަނުގެ ސްޓެމްފަޑް ބްރިޖުގަ އެވެ.