ކުރިއަށް އޮތް ފީފާ ކުލަބު ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކަށް 1 ބިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ދޭން ފީފާއިން ނިންމައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން މި ގޮތަށް ނިންމާފައިވަނީ ޔޫރަޕްގް ކްލަބް އެސޯސިއޭޝަން (އީސީއޭ) އާއިއެކު ބޭއްވި މަޝްވަރާތަކަށްފަހުގަ އެވެ. ފީފާ އަށް މިފަދަ ބޮޑު އަދަދެއް ކްލަބްތަކަށް ދޭން ޖެހިފައިވަނީ ޔޫރަޕްގެ ކްލަބްތަކުން މި މިމުބާރާތުގައި ވާދަނުކޮށް ޔޫރަޕްގެ އެލީޓް މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ. އަދި މީގެ ކުރިން ޔޫރަޕްގެ ގިނަ ކްލަބްތަކަކަކުން ވަނީ އެލީޓު ލީގުގައި ވާދަކުރާނެ ކަމަށްވެސް ބުނެފަ އެވެ.
ފީފާ ކްލަބް ވޯލްޑްކަޕްގައި ޥާދަކުރާ ކްލަބް ތަކަށް ބޮޑު އަދަދެއްގެ ފައިސާގެ އިނާމު ދިނުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު މި މުބާރާތުގެ ބްރޯޑްކާސްޓިން ރައިޓްސް 1 ބިލިއަން ޑޮލަރަށް ފީފާއިން ވިއްކާލާފައިވަނިކޮށެވެ.
ކްލަބް ވޯލްޑް ކަޕްގެ ފޯމެޓް ބަދަލުކޮށް އަލަށް ބާއްވާ މުބާރާތް އޮންނާނީ އަންނަ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 13 ގެ ނިޔަލަށް އެމެރިކާގަ އެވެ. މި މުބާރާތުގައި ވާދަކުރާ ކްލަބް ތަކުގެ އަދަދު 32 ޓީމަށް ހެދުމަށްފަހު ކޮންމެ ހަތަރު އަހަރުން އެއް ފަހަރު މުބާރާތް ބާއްވާ ގޮތަށް ނިންމާފައިވަނީ މިދިޔަ އަހަރު އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ކޮންމެ ކްލަބަކަށް ވަކި އަދަދަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާއިރު މުބާރާތުގައި އެ ޓީމެއް ހޯދާ ކާމިޔާބީއަށް ބެލުމަށްފަހު އިތުރަށް ފައިސާ ލިބިގެންދާނެ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އީސީއޭ އިން ފީފާ އާއިއެކު އަދިވެސް މަޝްވަރާ ކުރަމުންދަނީ މި މުބާރާތުގައި ވާދަނުކުރާ ކްލަބްތަކަށްވެސް ފައިސާގެ އިތުރު އެހީތެރިކަމެއް ލިބޭނެ ގޮތަކަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕަކީ ކްލަބް ފުޓްބޯޅައަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް ކަމަށާއި މިއީ އެއްބައިވަންތަ ކަމާއިއެކު ގިނަ ކްލަބްތަކަކަށް ފައިދާވާފަދަ ގޮތަކަށް ރޭވިފައިވާ މުބާރާތެއް ކަމަށެވެ.
އަދި ފީފާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އަށް ވާއިރު ފީފާއިން އަބަދުވެސް މަސައްކަތް ކުރާނީ ދުނިޔޭގެ ފުޓްބޯޅައިގެ ކުރިއެރުމާއި ތަރައްގީއަށް ކަމަށެވެ.
ޔޫރަޕްގެ ބޮޑެތި ކްލަބްތައް ކަމުގައިވާ މެންޗެސްޓަރ ސިޓީ އާއި ޗެލްސީ އާއި ބަޔާން މިއުނިކް, އިންޓަރ މިލާން, ޕީއެސްޖީ ފަދަ ގިނަ ކްލަބްތަކެއް އެ ޖަމްއިއްޔާއިން ދަނީ ތަމްސީލު ކުރަމުންނެވެ. ސްޕެއިންގެ ރެއާލް މެޑްރިޑް އިން މި ޖަމްއިއްޔާގައި ބައިވެރި ވެފައިނުވަނީ ޔޫރަޕްގެ ސުޕަރ ލީގާއިމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި ގުޅިގެންނެވެ.