ކުޅިވަރު

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާގައި ބާއްވަން ނިންމައި ކުލަބުތަކަށް ނޯޓިސް ފޮނުވައިފިއެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ބެލެމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އޮންނާނީ އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އެވެ.

މި ކޮންގްރެސްގައި އެފްއޭއެމްގެ ކޮމިޓީތަކަށް މެމްބަރުން އައްޔަން ކުރާނެ އެވެ. އަދި އެފްއޭއެމްގެ އޮޑިޓް ކުރުމަށް ރަސްމީކޮށް އޮޑިޓަރުންވެސް ހަމަޖައްސާނެ އެވެ.

އެފްއޭއެމްގެ ނޯމަލައިޒް ކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ބޭއްވި ކޮންގްރެސް ފީފާއިން ގަބޫލު ނުކުރުމުންނެވެ. އަދި ދެ ފަހަރެއްގެ މަތީން އިންތިހާބު ބާއްވަން އުޅެ އެކަން ކާމިޔާބު ނުވެ، ފުޓްބޯޅައިގެ މަސްލަހަތު ގެއްލުމުންނެވެ.

ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގައި އެންމެ ފުރަތަމަ ތިއްބެވީ ފަސް ބޭފުޅުންނެވެ.
ނަމަވެސް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރާއި ކޮމިޓީގެ މެމްބަރު އަޙްމަދު އަލީ ވަކިކޮށް ވަނީ ތިން މެމްބަރުންނަށް ކޮމިޓީ ކުޑަކޮށްފައެވެ. ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަނަކީ މަޝްހޫރު ގާނޫނީ ވަކީލު އަޙްމަދު މުއިއްޒެވެ.