ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ކަރުދާސް ކްރިކެޓް ކުލަބާއި އެމްއޭސީއެލް މޮޅުވެއްޖެއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ޑީގައި ހިމެނޭ ސަންކުއިކް ލިލީ އާއި ކަރުދާސް ކްރިކެޓް ކުލަބެވެ. މިމެޗު 31 ލަނޑުން ކާމިޔާބުކުރީ ކަރުދާސް ކްރިކެޓް ކުލަބުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ކަރުދާސް ކްރިކެޓް ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 131 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 35 ލަނޑު ހެދި އަޙްމަދު ހަސަން އާއި، 18 ބޯޅައިން 34 ލަނޑު އެއްކުރި އިބްރާހީމް އިއުޖާޒް ހާފިޒެވެ. ޖަވާބުގައި ސަންކުއިކް ލިލީ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ ހެދުނީ 100 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 36 ލަނޑު އެއްކުރި މަބްސަރު އަބްދުﷲ އިބްރާހީމެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ޑީގެ ދެވަނަ މެޗުން އެމްއޭސީއެލް މޮޅުވީ މެރީ ކޯނާ އަތުން ހަތް ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން އެމްއޭސީއެލް ނިންމީ ހޮވުމަށެވެ. އެއާއެކު މެރީ ކޯނާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 65 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 20 ލަނޑު ހެދި މުޙައްމަދު ހައިކަލްއެވެ. ޖަވާބުގައި އެމްއޭސީއެލް ކުޅެން އަރައި ތިން އޯވަރުގެ ތެރޭގައި ވަނީ އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 66 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުވަ ބޯޅައިން 34 ލަނޑު އެއްކުރި އާދަމް ނާސިފް އުމަރެވެ.