ދީން

ހަ ރޯދަ ހިފުމަކީ މުޅިއަހަރު ރޯދަ ހިފުމާއި އެއްވަރުކަމެއް


ރަމަޟާންމަހުގެ ރޯދަ އަކީ އޭގެ ޘަވާބުގެ މަތިވެރިކަން ބޮޑުވެގެންވާ އަޅުކަމަކަށްވާއިރު، ރޯދާއިގެ އަހުލުވެރިންނަށް ސުވަރުގޭގައި ޚާއްޞަ ދޮރުކޮޅެއް ވާކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. ފަރުޟު ރޯދައާއި ސުންނަތް ރޯދައިގެ ޘަވާބުގައި މާބޮޑު ތަފާތެއް ނެތްކަމަށާއި، ސުންނަތް ރޯދައިގެ ތެރެއިންވެސް އިސްކަން ދެވޭ ރޯދަތަކެއް ވާކަމަށް ޢިލްމުވެރިން ފާހަގަކުރައްވައެވެ. މިގޮތުން ރަމަޟާން މަހުގެ ފަރުޟު ރޯދައަށްފަހު ޝައްވާލުމަހު 6 ރޯދަ ހިފައިފިނަމަ މުޅި އަހަރު ދުވަހު ރޯދަ ހިފުމާއި އެއްވަރުގެ ޘަވާބު، ﷲ އެމީހަކަށް ދެއްވާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. 

ފިތުރު ޒަކާތް ނެރުމަކީ ރޯދަމަހު ރޯދައަށް ހުންނައިރު  ބައެއް އުނިކަންތައް ފިލައިގެންދާކަމަކަށް ވާއިރު، ފިތުރު ޒަކާތް ވާޖިބުކުރައްވާފައިވާ މަޤްޞަދުގެ ތެރެއިން ބައެއް މި 6 ރޯދައިންވެސް ޙާސިލްވާނެކަމަށް ޢިލްމުވެރިން އެއްބަސްވާކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވިއެވެ.

ޝައްވާލްމަހުގެ ހަ ރޯދައަކީ އުމުރުން ދުވަސްވީ މީހުން ހިފާ ރޯދައެއްގެ ގޮތުގައި ކުރިން ބައެއް ފަރާތްތަކަށް ޤަބޫލްކުރެވިފައިވީނަމަވެސް،  މިހާރު ޒުވާން އުމުރުގެ ކުދިން، ޚާއްޞަކޮށް ސްކޫލް ކުދިން 6 ރޯދަ ހިފުމުގެ އާދަ ހިފަހައްޓާކަން މިހާރު ފާހަގަކޮށްލަންޖެހެއެވެ. އައްޝައިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވީ، ހެޔޮ އަމަލު ކުރުމުގައި ޘަވާބާއި ދަރުމަ އެންމެ ބޮޑުވެގެންވަނީ ޒުވާން ދުވަސްވަރު ކުރާ އަޅުކަމުގައިކަމަށެވެ.

ޝައްވާލްމަހުގެ 6 ރޯދައަކީ ވާޖިބު ކަމަކަށް ނުވާތީ އެ ދޫކުރުމަކުން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އެ ރޯދަ ދޫކޮށްލުން ރަނގަޅު ކަމެއް ނޫންކަމަށް ޢިލްމުވެރިން ނަސޭހަތްތެރިވެއެވެ. ސަބަބަކީ މި ދުނިޔޭގައި ހޭދަ ކުރާ ކޮންމެ ވަގުތަކީ ދަރުމަ އާއި ސަވާބު ބޭނުންވެ އެކަމަށް އެދިގެން ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް ހޭދަ ކުރާ ވަގުތަކަށް ހަދަން ޖެހޭކަމަކަށްވާތީއެވެ.