ކުޅިވަރު

އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމީ މުބާރާތްތަކަށް: މުންތަގިމް


އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މި އަހަރު ރާވާ ހިންގާ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދޭނީ ގައުމީ މުބާރާތްތަކަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވީ މި ފަހަރު އެންމެ ވަރުގަދަ މުބާރާތްތަކަށް ތާވަލުކުރެވިފައި ވަނީ ގައުމީ ޓްރެކް މުބާރާތާއި ދިގު ދުވުމުގެ ގައުމީ މުބާރާތް ކަމަށެވެ. ދިގު ދުވުމުގެ ގައުމީ މުބާރާތް އޮންނާނީ މަގުމަތީގައެވެ. އަނެއް ތިން މުބާރާތް ތާވަލުކޮށްފައިވަނީ ސްޓޭޑިއަމްގައި ކުރިއަށްގެންދާ ގޮތަށެވެ.

އިންޓަރ ސްކޫލް މުބާރާތްތަކުގައި އަހަރުން އަހަރަށް ބައިވެރިންގެ އަދަދު އިތުރަވާކަން ފާހަގަކުރައްވަމުން މުންތަގިމް ވިދާޅުވީ އުމުރުފުރާތަކުގެ މުބާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭނީ އިންޓަރ ސްކޫލް މުބާރާތަށް ކަމަށެވެ. އެތުލެޓިކިސް އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގެ ތެރެއިން އެންމެ ފޯރިގަދަ މުބާރާތަކީ ޖޫނިއަރ ޗެމްޕިއަންޝިޕެވެ. އެގޮތުން ވޭތުވެދިޔަ 17 އަހަރު ތެރޭގައި މުބާރާތް ބޭއްވުނުއިރު ގައުމީ ޓީމަށް އެތުލީޓުން ސްކައުޓް ކުރުމަށް މި މުބާރާތް ވެގެންދަނީ މުހިންމު މުބާރާތަކަށެވެ.

"އަޅުގަނޑުމެން ގައުމީ ޓީމު އެކުލަވާލާއިރު އެއްވަރަކަށް އެބަ ހިއްސާކުރޭ. އަތޮޅުތެރޭގެ އެތުލީޓުން، މާލޭގެ ތަމްރީނުވާ އެތުލީޓުންނެކޭ ވަކި ތަފާތެއް ނެތް. މާނައަކީ ވަރަށް ރަނގަޅަށޭ އަޅުގަނޑުމެންނަށް މުބާރާތްތައް މިގެންދެވެނީ." މުންތަގިމް ވިދާޅުވިއެވެ.

މުންތަގިމް ވިދާޅުވީ އެތުލީޓުންގެ ފެންވަރު ރަނގަޅުވެގެން ދަނީ އެ އެސޯސިއޭޝަނުން އެތުލީޓުން ތަމްރީންކުރުމަށް ގެންގުޅޭ ޕްރޮގްރާމުތަކުގެ ފެންވަރު ރަނގަޅުވުމުން ކަމަށެވެ.

އެތުލެޓިކްސް އިން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއެކު ގިނަ މުބާރާތްތަކެއް މި އަހަރަށް ވަނީ ތާވަލުކޮށްފައެވެ.