އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ނޮޓިންހަމް ފޮރެސްޓުން ހޯދައިފިއެވެ. 
ނޮޓިންހަމްގެ ދަ ސިޓީ ގްރައުންޑުގައި އޮނަތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން ނޮޓިންހަމް މޮޅުވެފައިވަނީ 5-4 ގެ ނަތީޖާއަކުންނެވެ. 
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނިޓުގައި އިޕްސްވިޗް ގެ ޖޯޖް ހާރސްޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. 
ނަމަވެސް އޭގެ 15 މިނިޓް ފަހުން ނޮޓިންހަމްގެ ރަޔާން ޔޭޓްސް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ އެންމެ ފަހުން އޭނާ ކުޅުނު ތިން މެޗުގައި ޖެހި ދެވަނަ ލަނޑެވެ. 
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައިވެސް އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ނޮޓިންހަމް އަށް 5-4 ގެ ނަތީޖާއަކުން ކުރި ލިބިފައިވަނީ އިޕްސްވިޗްގެ ފަސްވަނަ ޕެނަލްޓީ ޖަކް ޓޭލާރ ފޮނުވާލުމުން އެ ބޯޅަ ނޮޓިންހަމްގެ ކީޕަރު މެޓްޒް ސެލްސް ދިފާއު ކުރުމާއި ގުޅިގެންނެވެ. 
ނޮޓިންހަމް ފޮރެސްޓް އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމުން ވަނީ 2021-22 ވަނަ އަހަރުގެ ސީޒަނުގައިވެސް މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. 
މި މުބާރާތުގެ ކުއާޓަރ ފައިނަލުގައި ފޮރެސްޓް އާއި ދެކޮޅަށް ނިކުންނާނީ ބްރައިޓަން އެވެ. 
ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ރަށުން ބޭރުގައި އިޕްސްވިޗް މިހާތަނަށް ކުޅެފައިވާ 16 މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. އަދި ޕްރިމިއާ ލީގުގެ ކްލަބް ތަކާއި ދެކޮޅަށް އެ ޓީމުން އެފްއޭ ކަޕްގައި ކުޅުނު 14 މެޗުންވެސް ވަނީ އިޕްސްވިޗް ބަލިވެފަ އެވެ. 
އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު ފުލަމް އާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ނިކުންނައިރު ބޯންމަތު ނިކުންނާނީ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށެވެ. އަދި ޕްރެސްޓަން ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ. 
މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ނޮޓިންހަމްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ ބުނެފައިވަނީ މިއީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި މި ކާމިޔާބީ ހޯދަދިނުމުގައި ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި ދަނޑު މަތީގައި ކުޅުންތެރިން އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފައިވާ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.