އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މާ ފަލަ ކަމަށް ބުނެ އެ ގައުމުގެ ސިޔާސީ ޕާޓީތަކުން ކޯޅެން ފަށައިފި އެވެ.
މިކަމާ އެންމެ ފުރަތަމަ ފާޑުކިޔާފައިވަނީ އިންޑިޔާގެ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ގާނޫނު ހަދާ މަޖީލީހުގައި އިންނަވާ މެމްބަރު އަދި ސްޕޯކްސް ޕާސަން ޝަމާ މުހައްމަދު އެކްސްގައި ބުނެފައިވަނީ ރޯހިތު ޝަރުމާ، މާ ފަލަ ކަމަށާއި، އޭނާ ހިކެން ވެއްޖެ ކަމަށެވެ. އަދި ރޯހިތަކީ އިންޑިޔާގެ ކެޕްޓަނުންގެ ތެރެއިން މީހުންގެ ޝައުގުވެރިކަން ކުޑަ ކެޕްޓަނެއް ކަމަށެވެ.
އެއާއެކު ބައެއް ސިޔާސީ މީހުން އެކިއެކި ޓީވީތަކުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ރޯހިތު ޝަރުމާ އަކީ މަގުބޫލުކަން މެދުމިން ކެޕްޓަނެއް ކަމަށާއި އޭނާ އަށް އިންޑިޔާގެ ކެޕްޓަން ލިބި މަގާމުގައި ހުރެވެނީ ނަސީބުވެސް ރަނގަޅުވުމުން ކަމަށެވެ.
ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގެ ސެމީ ފައިނަލުގައި މިއަދު އޮސްޓްރޭލިޔާއާ ދެކޮޅަށް ނުކުންނަ ކެޕްޓަންގެ ދިފާއުގައި އެންމެ ފަހުން ނުކުތީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ މެމްބަރެކެވެ.
އެ ޕާޓީގެ ސްޕޯކްސް ޕާސަން ޝެހްޒާދް ޕޫނަވައްލާ ވިދާޅުވީ މިއީ އިންޑިޔާގެ ސިޔާސީ މައިދާނުގައި ކޮންގްރެސް ޕާޓީ އަށް ލިބޭ ނާކާމިޔާބުގެ ވާހަކަ ފަސް އަޅައި ފޮރުވަންވެގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.
"ރާހުލް ގާންދީގެ ކެޕްޓަންކަމުގެ ދަށުން 90 ވުރެ އިންތިހާބު ނާކާމިޔާބުވެފައި ތިބި ބަޔަކު މި ބުނަނީ 2024ގެ ޓުވެންޓީ20 ވޯލްޑްކަޕް ތަށި އިންޑިޔާ އަށް ހޯދައިދިން ކެޕްޓަން ރޯހިތް ޝަރުމާ ކެޕްޓަނަކަށް ކަމުނުދާ ވާހަކަ،" ޝެހްޒާދު ވިދާޅުވި އެވެ.
މިއީ ރޯހިތް ޝަރުމާގެ ފިޓްނަސްގެ މައްސަލާގައި އޭނާ އަށް ފާޑުކިއުން އަމާޒުވި ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު ބުނަނީ އޭނާ މިހާރު މާ ފަދަ ކަމަށާއި ފިޓްނަސް ރަނގަޅު ކުރުމަށް ހަށިގަނޑު ހިއްކާލަން ޖެހޭ ކަމަށެވެ. ރޯހިތަކީ މި ފަހަކަށް އައިސް އޭނާގެ ކުޅުމާމެދު ވެސް ވަރަށް ބޮޑަށް ކުރީގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފާޑުކިއުން އަމާޒުވެފައިވާ ކުޅުންތެރިއެކެވެ. މީގެ ތެރެއިން ބައެއް މައްސަލަ އޭނާ ވަނީ އިންޑިޔާގެ ފެޑަރޭޝަނަށް ވެސް ހުށަހަޅައިފަ އެވެ.
އޭނާގެ ކެޕްޓަންކަމުގެ ދަށުން ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި އިންޑިޔާ ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްފަ އެވެ.