ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ކުރީގެ ރައީސް ޖޯސެފް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓީނީއަށް ކުރެވިފައިވާ ޚިޔާނާތުގެ އަޑުއެހުމަކަށް އެ ދެ މީހުން ކޯޓަށް ހާޒިރުވެއްޖެއެވެ.
ސްވިޒަލޭންޑްގެ ކޯޓަކަށް ދެ މީހުން ހާޒިރު ކޮށްފައިވަނީ ސްވިޒަލޭންޑްގެ ދަށު ކޯޓަކުން އެ ދެ މީހުންނާއި ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތަކެއް ހަތް އަހަރު ވަންދެން ބެލުމަށްފަހު އެ މައްސަލައިގައި ގޯހެއް ނެތް ކަމަށް ކޯޓުން ހުކުމް ކުރިތާ ދެ އަހަރާއި ބައިގެ މުއްދަތަކަށް ފަހުގަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު ދެ އިދާރާ ކަމުގައިވާ ފީފާ އާއި ޔޫއެފާގެ ދެ ރައީސުންނާއި ދެކޮޅަށް ބަލަމުންދާ މައްސަލައަކީ ފީފާގެ ރައީސް ސެޕް ބްލެޓަރ ޕްލެޓީނީ އަށް ދީފައިވާ 2.22 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާގެ މައްސަލަ އެކެވެ.
ދަށު ކޯޓުން އެ މައްސަލައިގައި ގޯހެއް ނެތް ކަމަށާއި އެ މުއާމަލާތް ހިނގާފައިވަނީ އުސޫލުގެ ތެރެއިން ކަމަށާއި އެކަމުގެ ހުރިހާ ލިޔެކިއުމެއް ފެންނަ ހުރި ކަމަށް ނިންމި ނަމަވެސް އެ މައްސަލަ ވަނީ މަތީ ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
މި މައްސަލަ ބޮޑު ވެގެންދިޔައީ 2015 ވަނަ އަހަރު ފީފާގެ ރައީސް ކަމުގެ މަގާމުން 17 އަހަރަށް ފަހު ސެޕް ބްލެޓަރ އިސްތިއުފާ ދިނުމާއި އެކު އެ މަގާމަށް ޕްލެޓިނީ ވާދަކުރާނެ ކަމަށް ބެލެވުނު ހިސާބުންނެވެ. ބްލެޓަރ ފީފާގެ ރައީސް ކަމުން އޭރު އިސްތިއުފާ ދީފައިވަނީ އޭނާ އާއިމެދު ކުރެވުނު ކޮރަޕްޝަނުގެ އިތުރު ތުހުމަތުތަކާއި ގުޅިގެންނެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް އަޑުގަދަވެގެން ދިޔައީ ގަތަރުގައި ވޯލްޑްކަޕް ބޭއްވުމަށް ނިންމުމާއި ގުޅިގެންނެވެ.
އަދި އޭރު މި މައްސަލަ އާއި ގުޅިގެން ފީފާގެ އެތިކްސް ކޮމިޓީ އިން ވަނީ ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ބްލެޓަރ އާއި ޕްލެޓިނީ އަށް އަހަރު ދުވަހަށް ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ފަހުން އެ އަދަބު ވަނީ ކުޑަކޮށްފަ އެވެ.
ސްވިޒަލޭންޑްގެ ޕްރޮސެކިއުޓަރ އިން މި މައްސަލައިގައި އެދިފައިވަނީ ބްލެޓަރ އާއި ޕްލެޓީނީ އަށް 20 މަސް ދުވަހުގެ ހުކުމަކާއި އެކު 2 އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށެވެ.
މި މައްސަލައިގެ ހުކުމް ކުރުން މި މަހުގެ 25 ވަނަ ދުވަހު އޮންނާނެ ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.