ޗައިނާގެ އިތުރު މަންޒިލަކަށް މޯލްޑިވިއަންގެ ދަތުރުތައް މިއަދު ފަށައިފިއެވެ.
މޯލްޑިވިއަންއިން މިއަދު ދަތުރުތައް ފަށާފައިވަނީ، ޗައިނާގެ ޗެންޑޫ ސިޓީއަށެވެ. ޗެންޑޫ ސިޓީއަށް ފެށި ދަތުރުތަކާއި އެކު މޯލްޑިވިއަނުން ޗައިނާގެ 7 ސިޓީއަކަށް ދަތުރު ކުރަމުންދެއެވެ.
ޗައިނާގެ ޗެންޑޫން ފުރައިގެން ރާއްޖެއަށް އައި މޯލްޑިވިއަންގެ ފްލައިޓް އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ، މިއަދު ހެނދުނު 7:30 ގައެވެ. މި ފްލައިޓުން ރާއްޖެއައި ފަތުރުވެރިންނަށް އައިލެންޑް އޭވިއޭޝަނުން ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.
މޯލްޑިވިއަނުން ޗައިނާގެ ޗެންޑޫއަށް ފެށި ފަތުރުތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އޮޕަރޭޝަންސް އަލީ ނަޝާތު ވިދާޅުވީ މޯލްޑިވިއަނުން ޗައިނާގެ ޗެންޑޫއަށް ހަފްތާއަކު އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ދަތުރުތަކަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ 150 މީހުންގެ ޖާގައިގެ ބޯޓަކާއި، 200 މީހުންގެ ޖާގައިގެ ބޯޓެއްގައި ކަމަށެވެ.
ނަޝާތު ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް ކުރިއަށް އޮތްތާގައި ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ފެށުމަށްޓަކައި، ދިރާސާތައް ކުރަމުންދާ ކަމަށެވެ.
ޗައިނާގެ 7 ސިޓީއަކަށް ދަތުރުތައް ކުރުމުގެ އިތުރަށް، ބަންގްލަދޭޝްގެ ވެރިރަށް ޑާކާ، އިންޑިއާގެ ޓްރިވެންޑްރަމް އަދި ޗެންނާގެ އިތުރުން ތައިލެންޑްގެ ވެރިރަށް ބެންކޮކަށްވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރަމުންދެއެވެ.