ކުޅިވަރު

އޯޕަން ޓޭޕްބޯލް: މިއަދުގެ މެޗުތައް ކާމިޔާބުކުރީ ކިންޒާ އާއި ކޭޑީއެމް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތައް ކިންޒާ ކެފޭ އާއި ކޭޑީއެމް އިން ކާމިޔާބުކޮށްފިއެވެ.

މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓެޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.

ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓެޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް ބީގައި ހިމެނޭ އޭއާރްސީ އާއި ކިންޒާ ކެފޭއެވެ. މި މެޗު ހަތަރު ވިކެޓުން ކާމިޔާބުކުރީ ކިންޒާ ކެފޭ އިންނެވެ.

މި މެޗުގެ ގުރުދިމާވުމުން އޭއާރްސީ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 135 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 35 ލަނޑު ހެދި ޒަކަރިއްޔާ އަބްދުލް ލަތީފެވެ. މި އިނިންގްސްގައި ކިންޒާގެ އިސްމާޢީލް ނަޝްވާން ވަނީ ދެ ވިކެޓް ނަގާފައެވެ. ޖަވާބުގައި ކިންޒާ ކުޅެން އަރައި ފަހު އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 138 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 32 ލަނޑު އެއްކުރި މޫސާ މާޖިދެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުން ކޭޑީއެމް މޮޅުވީ ޓޭޕް 8 ބޯލް އަތުން ހަ ވިކެޓުންނެވެ.

މި މެޗުގެ ގުރުދިމާވުމުން ޓޭޕް 8 ބޯލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 73 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 16 ބޯޅައިން 33 ލަނޑު ހެދި އަބްދުﷲ އަފީފެވެ. މި އިނިންގްސްގައި ކިންޒާގެ އިސްމާޢީލް ޝަޔާލް ހަމީދު ވަނީ ދެ ވިކެޓް ނަގާފައެވެ. ޖަވާބުގައި ކޭޑީއެމް ކުޅެން އަރައި ހަތަރު އޯވަރުގެ ތެރޭގައި ވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެން 74 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ބޯޅައިން 17 ލަނޑު އެއްކުރި އިސްހާގު އަޙްމަދެވެ.