މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކުރާ ދިވެހި ސާފް ލީގުގެ އައު މުބާރާތް "ކެރަންޑޫ" ކުރިއަށްދާނީ ލ. މާބައިދޫގައި ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އެ މުބާރާތަކީ ސާފް ލީގަށް އަލަށް އިތުރުކުރެވުނު މުބާރާތެކެވެ. އެ މުބާރާތް މާބައިދޫގައި ބާއްވާއިރު، މިއީ ސާފް ލީގުގެ މިފަދަ މުބާރާތެއް ހައްދުންމަތީގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި އިވެންޓް ބޭއްވުމަށް އެމްއެސްއޭ އާއި ލ. މާބައިދޫ ކައުންސިލާ ދެމެދު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފުތާއަށް އެ މުބާރާތް ތާވަލުކޮށްފައިވާއިރު, މާބައިދޫއަކީ ސާފަރުންގެ މެދުގައި މަގުބޫލު ރާޅު ޕޮއިންޓެއް އޮންނަ ރަށެކެވެ. "ދަ މެޝިން" ގެ ނަމުން މަޝްހޫރު މި ރާޅު ޕޮއިންޓަކީ އަވަސް ރާޅުތަކެއް ނަގާ ޕޮއިންޓަކަށް ވުމުން، އެ ސަރަހައްދަކީ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައިވެސް މަގުބޫލުކަން ހޯދަމުން އަންނަ ތަނެކެވެ.
"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތު ދެއްވަމުން ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހީމް ވިޝާމް ވިދާޅުވީ މިފަދަ މުބާރާތެއް ރަށުގައި ބޭއްވޭތޯ ކައުންސިލުން މަސައްކަތްކުރާތާ ގާތްގަނޑަކަށް ތިން ވަރަކަށް އަހަރުވެފައިވާ ކަމަށެވެ. އަދި މާބައިދޫ އަކީވެސް ސާފަރުން ގިނަ ރަށެއް ކަމަށާއި، މިފަދަ ބޮޑު މުބާރާތެއް ރަށުގައި ބޭއްވިގެން ދިޔުމުން ރަށަށް ނިސްބަތްވާ ސާފަރުންނަށްވެސް އިތުރު ތަޖުރިބާތަކެއް ލިބި، ބޮޑެތި މުބާރާތްތަކުން ފުރުސަތު ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިޝާމް ވިދާޅުވިއެވެ.
"މި މުބާރާތުގެ ސަބަބުން ހައްދުންމަތީގެ ސާފު ޕޮއިންޓަށް އިތުރު މަޝްހޫރުކަމެއް ލިބޭނެ. މީގެ އިތުރުން މި މުބާރާތަކީ ލޯކަލް ޓޫރިޒަމްއަށްވެސް ހުޅުވިގެންދާނެ ދޮރެއް. މިހާރުވެސް މިރަށާއި އަތޮޅަށް ނިސްބަތްވާ ހުނަރުވެރި ސާފަރުން އެބަތިބި. އެކުދިންނަށްވެސް އިތުރަށް ކުރިއަރާ މި ކުޅިވަރުގައި ބައިނަލް އަޤްވާމީ ފެންވަރުގައި ވާދަކުރުމަށް ހުޅުވިގެންދާނެ ފަހި ފުރުސަތަކަށް މި މުބާރާތްވެގެންދާނެ" ވިޝާމް ވިދާޅުވިއެވެ.
މުބާރާތް އިންތިޒާމުކުރެވިފައިވާ ގޮތުން މުބާރާތުގެ ތެރޭގައި ވައިޑީޕީ ޕްރޮގްރާމެއްވެސް ކުރިއަށްދާނެ ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި އެ ކުޅިވަރުން އައު މޫނުތަކެއް ފެނިގެންދާނެ ކަމަށް ވިޝާމް ވިދާޅުވިއެވެ.
"ކެރަންޑޫއަކީ ރަށާއި ގުޅިގެން އުފެދިފައި އިންނަ ހިންނައަކަށް އަޅުގަނޑުމެން ކިޔާ ނަމެއް. އެ ހިންނައިގެ ކޮޅުގައި މިރަށުގެ މަޝްހޫރު ސާފިން ޕޮއިންޓް "ދަ މެޝިން" މި އޮންނަނީ. އެހެންވީމަ މި މުބާރާތަށް ރީތި ދިވެހި ނަމެއް ކިޔަންވެގެން އެންމެންނަށްވެސް އިއްތިފާގުވެވުނު ނަމަކީ މުބާރާތަށް ކެރަންޑޫ ކިޔުން" މުބާރާތުގެ ތަފާތު ނަމާ ގުޅޭގޮތުން ތަފުސީލު ދެއްވަމުން ވިޝާމް ވިދާޅުވިއެވެ.
މިއީ ހައްދުންމަތީގައި ބޭއްވޭ މިފަދަ އެންމެ ބޮޑު މުބާރާތެވެ. މީގެ ކުރިން 2017 ވަނަ އަހަރު މޯހޮޓެލްގެ ފަރާތުން "ފަރަހިކި" ގެ ނަމުގައިވެސް ސާފިން އިވެންޓެއް އެތަނުގައި ވަނީ ބާއްވާފައެވެ.
ދިވެހި ސާފް ލީގަށް އައު މުބާރާތެއް ތައާރަފުކުރިއިރު، ލީގުގެ ފުރަތަމަ މުބާރާތް "ކަޅެގަލެކޮޑާ" ގދ. ގައްދޫގައި ބާއްވަން މި އަހަރު ކުރި މަސައްކަތް، އެ ރަށު ކައުންސިލްގެ މާލީ ހާލަތު ހުރި ގޮތުން ނުވުމާއެކު، އެމްއެސްއޭ އިން ވަނީ އެ މުބާރާތް ކެންސަލް ކޮށްފައެވެ. އެހެންކަމުން ކެރަންޑޫގެ އިތުރުން މި އަހަރުގެ ދިވެހި ސާފް ލީގުގައި ދެން ކުރިއަށްދާނެ މުބާރާތްތަކަކީ މ. މުލީގައި ޖުލައި މަހު ބާއްވާ "މުލީކޮޅު ރާޅުގަނޑު" އަދި މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އެވެ. އޭގެ ތެރެއިން ރަންނަމާރި ޗެލެންޖް ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.