ވާރޗުއަލް ޕްލެޓްފޯމް ނުވަތަ ސޯޝަލް މިޑީއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ ޕޯސްޓުތައް އިޝްތިހާރު ކުރުމަށް ހުއްދަ ނަގަން ނުޖެހޭނެކަން ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސިއްޙީ ވުޒާރާއިން މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކުރި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ޤަވާއިދުގައި، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެކަމުގެ ތަފްސީލުތައް "ދިރިތި" ޕޯޓަލުން ހުށަހަޅައި، ހުއްދަ ހޯދައިގެން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ޤަވާއިދު އިތުރަށް ތަފްސީލްކޮށްދިނުމަށް އެވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ، ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުގައި ބޭނުންކުރާ "މެނޫ" އަދި ކާބޯތަކެތީގެ ޚިދުމަތް ނުވަތަ ވަކި ކާބޯއެއްޗެއް ލިބެންހުރިކަމަށްބުނެ އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ނުވަތަ އެހެންފަރާތްތަކުންވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އިޝްތިހާރުކުރާނަމަ ހުއްދަ ނަގަން ނުޖެހޭނެކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކުގައި ހިމެނޭ ކާބޯއެއްޗަކީ "ދެވަނައެއް ނެތް" ނުވަތަ އެހެން ކާބޯއެއްޗަކާ އަޅައިކިޔުންފަދަ އިބާރާތެއް ނުވަތަ ފޮޓޯއެއް ނުވަތަ އެނޫންވެސް ކާބޯއެއްޗެއްގެ މަޤުބޫލުކަން ދޭހަވާފަދަކަމެއް ހިމަނާފައިވާ ޕޯސްޓެއްނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް ޤަވާއިދުގައިވެއެވެ.
ސިއްޙީ ވުޒާރާގެ ނެރުނު ނޫސްބަޔާނުގައި ވަނީ އިޝްތިހާރެއްކަމަށްބެލެވޭނީ ކާބޯތަކެތި ނުވަތަ ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ބާވަތެއް ނުވަތަ އެއްޗެއްގެ މަޤްބޫލުކަން އިތުރުކުރުމުގެ މަޤްސަދުގައި ހިންގާ ހަރަކާތްތަކަށްކަމަށެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ، ކާބޯތަކެތި އިޝްތިހާރުކުރުމާއި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއްގެ ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެނަލިސިސްއެއްގެ ނުވަތަ އެއިން ލިޔުމެއްގެ ބޭނުންކޮށްފިނަމަ ފިޔަވަޅު އަޅާނެއެވެ.
- ފުރަތަމަ ފަހަރު ކުށްކުރިނަމަ -/10000 ދިހަހާސް) ރުފިޔާއިން ޖޫރިމަނާކުރާނެ
- ދެވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/100000 ( އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރާނެ
- ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ -/300000 (ތިންލައްކަ) ރުފިޔާއިންޖޫރިމަނާކުރާނެ
އިޝްތިހާރުތަކަށްހުއްދަ ދޫކުރަނީ ތިން އަހަރަށެވެ. އަދި ފާސްކުރި އިޝްތިހާރަށް ބަދަލެއް ގެނެސްފިނަމަ އާ އިޝްތިހާރެއްގެ ގޮތުގައި ފާސްކުރަންޖެހެނެކަމަށްވެސް އައު ޤަވާއިދުގައިވެއެވެ.
ފާސްކުރަން ހުށަހަޅާ ކޮންމެ އިޝްތިހާރަކަށް އަނބުރާ ރައްދުނުކުރެވޭގޮތަށް އެ އޮތޯރިޓީން ފީއެއް ނަންގަވާނެއެވެ. އެގޮތުން ކޮންމެ ވީޑިއޯ އިޝްތިހާރަކަށާއި އޯޑިއޯ އިޝްތިހާރަކަށް 1500/- (އެއްހާސް ފަސް ސަތޭކަ) ރުފިޔާ ނަގާނެއެވެ. އަދި ވީޑިއޯއާއި އޯޑިއޯ ނޫން އިޝްތިހާރުތަކަށް -/1000 (އެއްހާސް) ރުފިޔާ ނަގާނެއެވެ. އަދި ހުށަހަޅާ އިޝްތިހާރަކީ ކާބޮނޭޓަޑް ޑްރިންކްސް ނުވަތަ އެނަރޖީ ޑްރިންކްސް ނަމަ ފީއެއްގެ ގޮތުގައި -/3000 ( ތިންހާސް) ރުފިޔާ ނަގާނެއެވެ.