ވިއްސާރައިގައި މިފަހަރު ގެއްލުންވީ އަޑިން ފެން އެރި 4 ގެއަކަށްކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރީޓީން ވިދާޅުވެއްޖެއެވެ. އެންޑީއެމްއޭއިން ވިދާޅުވީ ދުރާލާ ތައްޔާރުވެފައިވާތީ ގޭގެއަށް ފެން ވަދެ ގެއްލުންވި މިންވަރު ވަރަށް ބޮޑަށް ކުޑަކުރެވުނުކަމަށެވެ.
އެންޑީއެމްއޭއިން ވިދާޅުވީ މާލެ، މާފަންނުގެ 4 ގެއަކުން 40 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ. އެގެތަކަކީ ވިއްސާރައިގައި އަޑިން ފެން އަރައިގެން ގެއްލުންވި ގެތަކެއްކަމަށް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ވިއްސާރަވާނެކަމަށް މެޓް އޮފީހުން ލަފާކުރުމާއެކު، އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުގެ 160އަށްވުރެ ގިނަ ގެއަށް ވެލިބަސްތާ ފޯރުކޮށްދީ، އެހީތެރިކަން ދިނުމުގެ މަސައްކަތް އެންޑީއެމްއޭއާއި ސިޓީ ކައުންސިލާއި، ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަކަމަށެވެ.
ހިސާން ވިދާޅުވީ މިފަހަރުގެ ވިއްސާރައިގައި ދުރާލާ ތައްޔާރުވުމުގެ ސަބަބުން، ލިބުނު ގެއްލުން ޖުމްލަކޮށް ކުޑަކަމަށެވެ. ނަމަވެސް އަދިވެސް ހާލަތު މޮނިޓަރކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަގުތީ ބޯހިޔާވަހިކަމުގައި ތިބި މީހުންނަށްވެސް ދެ ދުވަހަށް އެހީތެރިކަން ހަމަޖައްސާފައިވާކަމަށެވެ.
ހިސާން ވިދާޅުވީ ވެލިބަސްތާ ޖެހުމާއި އެހެނިހެން އެހީތަކަށް އެދި 230 ކޯލް އެންޑީއެމްއޭއަށް އިއްޔެ ލިބުނުކަމަށެވެ.
މާލޭގެ އިތުރުން އަތޮޅުތަކަށް އެހީތެރިކަން ދިނުމުގެ މަސައްކަތްވެސް އެންޑީއެމްއޭއާއި ކަމާއި ގުޅުންހުރި ފަރާތްތައް ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި މުޅި ރަށުގައި ފެން ބޮޑުވެގެން 4 ރަށަކަށް އެހީތެރިކަން މިހާރުވެސް ދަނީ ފޯރުކޮށްދެމުންނެވެ.
"ހުރާ، ގުރައިދޫ، ހިންމަފުށި، ދިއްފުށީގައި ވަރަށް ބޮޑަށް ވަނީ ފެން ބޮޑުވެފައި. މުޅި ރަށް ފެނުއަޑީގައި ހަމަ. އެ ރަށްތަކަށް އެމްއެންޑީއެފްގެ އެހީ ވަނީ ފޮނުވާ، ފެން ހިންދުމަށް މަސައްކަތް ކުރިއަށްގެންގޮސްފައި. ރޭ، އެރަށްތަކަށް ޓީމްތައް ގޮސް ޕަމްޕް ބަހައްޓާ އެހީތެރިވި." ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ވިއްސާރަވާނެކަމަށް މެޓުން ލަފާކޮށްފައިވާތީ، އިމަރޖެންސީ ރެސްޕޮންސް ޓީމްތަކުން އެކަމަށް ތައްޔާރުވެ ތިބިކަމަށެވެ.