ޚަބަރު

އިންޑިޔާގައި ސުނޯއާއި އައިސް ފައިބައި ހަތަރު މީހުން މަރުވެއްޖެ


އިންޑިޔާގެ އުތުރުގައި އޮތް އުއްތަރާކަންދުގެ ފަރުބަދަމަތީ ސަރަޙައްދަކަށް ސުނޯއާއި އައިސް ފޭބުމާ ގުޅިގެން ހަތަރު މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ އުއްތަރާކަންދުގެ ޗަމޯލީ ޑިސްޓްރިކްޓުގެ މާން އަވަށުގައި ހަލިމަގެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަޙައްދެއްގައެވެ. އެއީ، ޗައިނާގެ ޓިބެޓާއި އިންޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކަރިއިއެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ބުނީ، ފަރުމަދަމަތިން ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވި ކަމުގައެވެ. އޭގެ ތެރެއިން 50 މީހުން ސަލާމަތް ކޮށްފައިވާއިރު، ހަތަރު މީހަކު މަރުވެފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ. އެ މީހުން މަރުވެފައި ވަނީ ސުނޯއާއި އައިސްތަކުގެ ދަށުވެ، ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

ސުނޯއާއި އައިސްތަކުގެ ދަށުގައި އަދިވެސް އިތުރު ފަސް މީހަކު ތާށިވެފައިވާ ކަމަށް ބެލެވޭއިރު، އެ މީހުން ހޯދައި ސަލާމަތް ކުރުމަށް އިންޑިޔާގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެ ކަމުގައި އެންމެ އިސް ދައުރެއް އަދާ ކުރަމުން ދަނީ އިންޑިޔާގެ އަސްކަރިއްޔާއިންނެވެ. އެ ކަމުގައި ހެލިކޮޕްޓަރު ފަދަ އުޅަނދުފަހަރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

އެ ސަރަޙައްދުގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ފުލުހުންގެ އިދާރާގެ ތަރުޖަމާނު ކަމްލޭޝް ކަމަލް ވިދާޅުވީ، ޗަމޯލީ ޑިސްޓްރިކްޓަށް ބޯކޮށް ސުނޯ ފައިބަމުން ދިޔުމާ ގުޅިގެން ސުނޯއާއި އައިސްތަކުގެ ދަށުގައި ތާށިވި މީހުން ސަލާމަތް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައެވެ. އެ ހާދިސާ ހިނގާފައި ވަނީ އެ ސަރަޙައްދަށް ސުނޯގެ ތޫފާނެއް ކުރިމަތިވެފައިވާ ވަގުތެއްގައެވެ.

ސުނޯއާއި އައިސް ފޭބި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން ވެސް އިންޑިޔާގެ އަސްކަރިއްޔާއިން ހާމަކުރިއެވެ. ނަމަވެސް، އަނިޔާ ލިބިފައިވާ މީހުންގެ އަދަދު ސާފެއް ނޫނެވެ. ޞިއްޙީ ހާލު ދެރަ މީހުންނަށް ފަރުވާ ދިނުމަށް ވައިގެ މަގުން ހަސްފަތާލުތަކަށް ގެންދިޔުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

އުއްތަރާކަންދުގެ ޗީފް މިނިސްޓަރު ޕުޝްކަރް ސިންގް ދާމީ ވިދާޅުވީ އަނިޔާގެ ސަބަބުން ޞިއްޙީ ހާލަތު ދެރަވި ގިނަ އަދަދެއްގެ ބަޔަކު ޖޯޝީމަޓުގައި ހުންނަ އަސްކަރީ ހަސްފަތާލަކަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި، ފަރުވާ ދެމުންދާ ކަމުގައެވެ. "ބާކީ ތިބި މީހުން ވެސް ރައްކާތެރިކަމާ އެކު ބަދަލު ކުރުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާގައި ސުނޯއާއި އައިސްގެ ދަށުގައި ތާށިވެފައިވާ ގިނަ މީހުންނަކީ ހަލިމަގު ބިނާ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔަ މަސައްކަތު މީހުންނެވެ. މި ހާދިސާ ހިނގާފައި މި ވަނީ، އިންޑިޔާގެ ދެކުނުގެ ރަށެއް ކަމުގައިވާ ނަގަރްކުރްނޫލްގައި ޓަނަލެއް ބިނާ ކުރަމުން ދިޔަ ސަރަޙައްދެއްގައި، ޓަނަލުގެ ބަޔެއް ވެއްޓުމާ ގުޅިގެން އެ ތަނުގެ ތެރޭގައި ތާށިވި ބަޔަކު ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެ ހާދިސާ ހިނގާފައި ވަނީ މީގެ ހަތް ދުވަސް ކުރިންނެވެ.

އުއްތަރާކަންދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފަރުބަދަމަތީ ސަރަޙައްދު ކަމުގައިވާ ހިމާލަޔެ ސަރަޙައްދުގައި އޮންނަ ސްޓޭޓެކެވެ. ދުނިޔޭގެ އެންމެ ފަރުބަދަ ވެސް އޮންނަނީ ހިމާލަޔެ ސަރަޙައްދުގައެވެ. އުއްތަރާކަންދަކީ ސުނޯއާއި އައިސް ފޭބުމުގެ އިތުރުން ފެންބޮޑުވުމުގެ ހާދިސާތައް ގިނައިން ކުރިމަތިވާ ސްޓޭޓެކެވެ. 2021ވަނަ އަހަރު އެ ސްޓޭޓްގެ ކޯރަކަށް ބިޔަ އައިސްގަނޑެއް ވެއްޓުމާ ގުޅިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއެއްގައި 200އެއްހާ މީހުން މަރުވިއެވެ.

2013ވަނަ އެ ސަރަޙައްދަށް ކުރިމަތިވި މޫސުމީ ވިއްސާރައިގައި ވެސް ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވިއެެވެ. އަދި، 6،000އެއްހާ މީހުން މަރުވިއެވެ. އަދި، 2022ވަނަ އަހަރު ހިނގި ސުނޯއާއި އައިސް ފޭބުމުގެ ހާދިސާއެއްގައި 27 މީހުން މަރުވިއެވެ.