ކުޅިވަރު

ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕުގައި ވާދަކުރާނީ ސާއިދު


ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ވާދަކުރާނީ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ޗައިނާގެ ނަންޖިންގައި މި މަހުގެ 21 އިން 23 އަށް ކުރިއަށްދާ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ސާއިދުއަށް ލިބިފައިވާކަން އެމްއޯސީއިން ހާމަކޮށްފައިވާއިރު، އޭނާއަށް މިފުރުސަތު ލިބިފައިވަނީ މުބާރާތައް ވާދަކުރުމަށް ހެދި ޓައިމް ޓްރަޔަލްއަކަށްފަހުއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދާނެ އެތުލީޓަކު ހޮވުމަށް ހެދި ޓައިމް ޓްރަޔަލްއިން ސާއިދު ކުރި ހޯދާފައިވަނީ ޤައުމީ ޓީމުގެ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްއާއި ވާދަކޮށެވެ. ސާއިދުވަނީ 60 މީޓަރު ރޭސް 6.83 ސިކުންތުން ނިންމާ އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގެ ޖާގަ ކަށަވަރުކޮށްފައެވެ. ޖެމެއިކާގައި މިހާރު ޓްރެއިނިން ހަދަމުން އަންނަ އިބާދުﷲގެ ޓައިމިން އަކީ، 6.90 ސިކުންތެވެ.

ޓައިމް ޓްރަޔަލްތަކުން އެންމެ ކުރީގައި އުޅޭ އަންހެން އެތުލީޓުންނަށް ބަލާއިރު ގައުމީ ޓީމުގެ އަހްނާ ނިޒާރުގެ ޓައިމިން 7.87 ސިކުންތެވެ. އަދި ދެ ވަނަ އަށް ދިޔަ މަރިޔަމް ރޫޔާގެ ޓައިމިންއަކީ 7.92 ސިކުންތެވެ.

ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ 32 އަހަރުގެ ސާއިދު ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕަށް މިހާރު ތައްޔާރުވަމުން އަންނައިރު މިއީ އޭނާ މިމުބާރާތުގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ފާއިތުވެ ދިޔަ އަހަރު ސްކޮޓްލެންޑްގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތާއި 2022 ވަނަ އަހަރު ސާބިއާގައި ބޭއްވި ވޯލްޑް އިންޑޯ އެތުލެޓިކްސް މުބާރާތުގައިވެސް ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ހޯދާފައިވަނީ ސާއިދުއެވެ.

ބައިނަލް އަޤްވާމީ ގިނަ މުބާރާތްތަކަކުން ފުރުސަތު ހޯދާފައިވާ ސާއިދުވަނީ 2024 ވަނަ އަހަރު އިރާނުގައި ބޭއްވި އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ.