ރެއާލް ބެޓިސް އަތުން ރޭ 2-1 ގެ ނަތީޖާއަކުން ބަލިވީ ގޯސް ވަގުތެއްގައި ކަމަށާއި، މި މެޗުގައި ދެއްކި ކުޅުން ތަކުރާރުކުރާނަމަ ދެންވެސް އޮތީ ބަލިވުން ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
މި މެޗުން ބަލިވުން ރެއާލްއަށް ވަނީ ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނަ ހޯދުމުގެ އަމިއްލަ ބާރު ގެއްލިފަ އެވެ. ސަބަބަކީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާ މެޗެއް ނުކުޅެ އޮތުމެވެ. ރެއާލް ސޮސިއެޑާޑް އަތުން މިރޭ ބާސެލޯނާ މޮޅުވެއްޖެނަމަ އެ ޓީމާއި ރެއާލްގެ ޕޮއިންޓުގެ ފަރަގު ތިން ޕޮއިންޓަށް ފުޅާވާނެއެވެ. އަދި އެތުލެޓިކޯ މެޑްރިޑްވެސް އޮތީ 56 ޕޮއިންޓާއެކު މިވަގުތު އެއްވަނައިގައެވެ. ރެއާލް އަށް މި ވަގުތު ލިބިފައިވަނީ 54 ޕޮއިންޓެވެ.
"އެހެންވީމާ ބަލި މިވީ ވަރަށް ގޯސް ވަގުތެއްގައި. މި ބަލިވުމުގެ އަގު ވަރަށް ބޮޑުވާނެ. މިރޭ މި ކުޅުނު ގޮތަށް ކުޅޭނަމަ އަހަރުމެން ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އެތްލެޓިކޯ މެޑްރިޑް އަތުން ވެސް ބަލިވާނެ،" އަންޗެލޮޓީ ބުންޏެވެ.
އަންޗެލޮޓީ ބުނީ މި މެޗުގައި ރެއާލްގެ ގިނަ ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރަށް ފަރުވާކުޑަ ކުޅުމެއް ކަމަށެވެ. މެޗުގެ ކޮންޓްރޯލް ބެޓިސް މާބޮޑަށް ލިބިގެންދިޔައީ ވެސް މިހެންވެ ކަމަށެވެ.
"ކުޅެން ބޭނުންވެގެން އުޅުނު ތަނެއް ނުފެނުނު. ބައިކޮޅަށް ގޯލެއް ވަނީމާ ވެސް މޮޅުވާން އިތުރަށް މަސައްކަތް ކުރި ތަނެއް ނުފެނުނު. މިއީ އެއް ގޮތަކުން ބަލާއިރު އަހަރުމެން ޗެމްޕިއަންސް ލީގުގެ ކުރިން ހޭލައި ތިބެން ލިބުނު ފިލާވަޅެއް. އެއީ މޮޅުވާން ކޮންމެހެން ޖެހޭ މެޗެއް،" އަންޗެލޮޓީ ބުޏްނެވެ.
މި މެޗުގެ 75 ވަނަ މިނިޓްގައި ކޯޗު ވަނީ ފޯވަޑް ކިލިއަން އެމްބާޕޭ ބަދަލުކޮށްފަ އެވެ. އަންޗެލޮޓީ ބުނީ މިދިޔަ ހަފުތާގައި ލިބުނު ހާނިއްކައިގެ ސަބަބުން ނުކުޅެވުނު ފޯވާޑް މި މެޗުގައި ބަދަލުކުރީ އޭނާ މުޅިން ފިޓްނުވާތީ ކަމަށެވެ. އެމްބާޕޭ އަކީ މިވަގުތު ރެއާލްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފޯމުގައި ހުރި ކުޅުނތަރިޔާ އެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު މެޗުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ ކޮޅަށް ތިން ލަނޑު ޖަހައި ހެޓްރިކް ހަދައިފަ އެވެ.