ކުޅިވަރު

ގޯލްކީޕަރު ވަގުތު ނަގާލައިފިނަމަ ކޯނަރެއް ދޭން ނިންމައިފި


ފުޓްބޯޅަ މެޗުގައި ގޯލަކީޕަރު އަތަށް ބޯޅަނަގައި ވަގުތު ނަގާލައިފިނަމަ، މީގެ ފަހުން ކޯނަރެއް ދޭން އިންޓަރނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭބީ) އިން ނިންމައިފިއެވެ.

ފުޓްބޯޅަ ގަވާއިދަށް ގެނެސްފައިވާ ގިނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ފާހަގަ ކުރެވޭ ބަދަލަކީ ވެސް މި އެވެ. މި ގޮތުން ގަވާއިދުގެ 12.2 ގައި ކުރިން ބުނެފައިވަނީ ކީޕަރު ހަ ސިކުންތަށްވުރެ ގިނަ ވަގުތު ބޯޅަ އަތުގައި ބާއްވައިފިނަމަ ނުސީލާ ހިލޭ ޖެހުމެއް ދިނުމަށެވެ. ނަމަވެސް ފީފާގެ ކޮންސަލްޓަންޓަކަށް މަސައްކަތް ކުރާ އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާގެ ވެސް ލަފަޔާއެކު ނިންމާފައިގަނީ އަށް ސިކުންތަށްވުރެ ގިނަ ވަގުތު ހުރެފިނަމަ ކޯނަރެއް ދިނުމަށެވެ.

މި ގަވާއިދުގެ އިތުރުން 3.10ގައިވާ ގޮތުގެ މަތީން ރެފްރީއާ ވާހަކަ ދެއްކޭނީ ޓީމުގެ ކެޕްޓަންކަމުގައި އެކަނި ކަމަށް ބާއްވަން ވަނީ ގިނަ ބަޔަކު ތާއީދުކޮށްފަ އެވެ. އަދި މިކަން އިތުރަށް ހަރުދަނާ ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ގަވާއިދުގެ 8.2 ވެސް ވަނީ އިސްލާހުކޮށްފަ އެވެ. އެއީ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ބޯޅަ އޮއްވައި ރެފްރީ ކުޅުން ހުއްޓުވާލައިފިނަމަ އެ ބޯޅަ ދޭނީ ބޯޅަ ލިބިފައިވާ ޓީމަށް ނުވަތަ ބޯޅައިގެ ކޮންޓްރޯލް އޮތް ޓީމަކަށެވެ. އަލުން ކުޅުން ފަށާނީ ކުޅުން ހުއްޓާލި އިރު ބޯޅަ އެވަގުތު އޮތް ތަނުގައި ބާއްވައިގެންނެވެ.

ފުޓްބޯޅަ ގަވާއިދަށް ބަދަލު ގެނެސްފައިވާއިރު ފީފާއިން މިހާރު އެންމެ ބޮޑަށް ވިސްނަމުންދަނީ އޮފްސައިޑް ގަވާއިދަށް ރަނގަޅު ބަދަލުތަކެއް ގެނައުމަށެވެ. މި ގޮތުން މިހާރު ވިސްނަމުންދަނީ އޮފްސައިޑްވާނީ ކުޅުންތެރިޔާގެ މުޅި ހަށިގަނޑު އެއްކޮށް އިދިކޮޅު ކުޅުންތެރިޔާއަށްވުރެ ކުރީގައި ހުރެފިނަމަ ކަމަށެވެ. މި ގޮތަށް ހެދުމަށް ވިސްނަމުންދަނީ ވަރަށް ހަނި ދާއިރާތަކުން އޮފްސައިޑްވެ ފުޓްބޯޅައިގެ ފޯރިއަށް އަންނަ ނޭދެވޭ ބަދަލުތަކުން ސަލާމަތް ވުމަށެވެ.