ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައި ރަމަޟާން މަހަކީ އުޅުން އިސްލާޙުކޮށް، ހިތް ސާފުކުރުމާއި އެއްބައިވަންތަވުމުގެ އިތުރުން އީމާންތެރިކަމާއި ދީލަތިވުމާއި ހިތްތިރިކުރުމުގެ މަހެއްކަން ފާހަގަކުރެއްވިއެވެ. މި މެސެޖުގައި ޤައުމުތަކުގައި މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހެޔޮ ޞިއްޙަތަކާއި ކުރިއެރުމާއި ފާގިތަކަމާއި މާތް ﷲގެ ފުއްސުވެމާއި ރުއްސެވުން އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް މިންވަރު ކޮށްދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދުޢާކުރައްވާފައިވެއެވެ.
މީގެ އިތުރުން ފަލަސްޠީނުގެ މުސްލިމުން ތަޙައްމަލުކުރަމުންދާ ވޭނަށް ލުޔެއް ގެނެސްދީ، 1967ވަނަ އަހަރުގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމްކުރުމަށް މަސައްކަތްކުރުމަށް މުޅި އިސްލާމީ އުންމަތަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލެއްވިއެވެ.