ޚަބަރު

އަސެންސިއޯގެ ދެ ލަނޑާއެކު އެސްޓަން ވިލާ ކުއާޓަރ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ކާޑިފް ސިޓީ އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން އެސްޓަން ވިލާ މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ޗެމްޕިއަންޝިޕުގައި ވާދަކުރާ ކާޑިފް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް އެސްޓަން ވިލާއިން ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މި މެޗުގައި ކާޑިފްގެ ގޯލަށް އަމާޒުކޮށް އެސްޓަން ވިލާ އިން ފޮނުވާލި ގިނަ ހަމަލަތަކެއް ކާޑިފްގެ ގޯލުކީޕަރު އީތަން ހޯވަތް ވަނީ ދިފާއުކޮށްފަ އެވެ.

ލަނޑެއް ޖެހުމަށް ހުއްޓުމެއްނެތި އެސްޓަން ވިލާ އިން ކާޑިފްގެ ގޯލަށް އަމާޒުކޮށް ފޮނުވަމުން ދިޔަ ހަމަލަތަކުން އެ ޓީމަށް ހިތްހަމަ ޖެހުމެއް ލިބިގެންދިޔައީ މެޗުގެ 68 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން މާކޯ އަސެންސިއޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނިޓަށް ވެފައިވަނިކޮށް އަސެންސިއޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެސްޓަން ވިލާ މި މެޗުން މޮޅުކޮށްދީފަ އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ފްރާންސްގެ ޕީއެސްޖީ އިން ލޯނު އެއްބަސްވުމެއްގެ ދަށުން އަސެންސިއޯ އެސްޓަން ވިލާ އާއި ގުޅުނު ފަހުން އޭނާ އެ ކްލަބަށް ކާމިޔާބުކޮށްދިން ހަތަރުވަނަ ލަނޑެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އެސްޓަން ވިލާއިން ހޯދާފައިވާއިރު އެ ޓީމުން ދަނީ ޕްރިމިއާ ލީގުގެ ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށްވެސް މަސައްކަތް ކުރަމުންނެވެ. އަދި އެފްއޭ ކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އެ ޓީމުން މިހާރު މަސައްކަތް ކުރަނީ 1957 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކުރުމަށެވެ.

އެސްޓަން ވިލާ އަށް އެންމެ ފަހުން އިނގިރޭސިވިލާތުގެ ފުޓްބޯޅަ މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 1996 ވަނަ އަހަރު އެވެ.